ޕާކިސްތާނުގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 41 ވަނަ “ޕާކިސްތާން އިންޓަރނޭޝަނަލް ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަން 2025” ގައި ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މައުރަޒު އޮންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު 7 އިން 9 އަށް ޕާކިސްތާނުގެ ލާހޯރުގައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައުރަޒަކީ ދިވެހި ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓް ކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. މައުރަޒުގައި ބައިވެރިވެ، އެޕްރޫވަލް ލިބޭ ފަރާތްތަކަށް ޕާލް ކޮންޓިނެންޓަލް ހޮޓެލް ލާހޯރުން ތިން ރޭގެ ހިލޭ ހުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި މައުރަޒަކީ ޕާކިސްތާން ކާޕެޓް މެނުފެކްޗަރާރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން (ޕީސީއެމްއީއޭ) އާއި ޓްރޭޑް ޑިވެލޮޕްމަންޓް އޮތޯރިޓީ އޮފް ޕާކިސްތާން (ޓީޑީއޭޕީ) ގުޅިގެން އިންތިޒާމުކުރާ މައުރަޒެކެވެ. ތިން ދުވަހުގެ މުއްދަތަށް ބޭއްވޭ މި މައުރަޒުގައި، ކާޕެޓް އަދި ފްލޯރިންގ ސިނާޢަތުގެ އުފެއްދުންތަކާއި، އަތުން ތައްޔާރުކުރާ ކާޕެޓްތައް ޝޯކޭސް ކުރެވޭނެއެވެ.
މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް international@trade.gov.mv އަށް ފޮނުވުމަށް އިޤްތިޞާދީ ވުޒާރާއިން އަންގަވާފައިވެއެވެ. އަދި ބައިވެރިވާ ފަރާތްތަކަށް ޕާކިސްތާން ސަރުކާރުން ޚާއްޞަ ޕެކޭޖުތަކެއް ފޯރުކޮށްދޭނެ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

