މިއަހަރުގެ ޖުލައި މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ %11.5 އިތުރުވެއްޖެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު %11.5 އިތުރުވެފައިވެއެވެ. މިގޮތުން މިއަހަރުގެ ޖުލައި މަހު ރާއްޖެއަށް 186،738 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 167،528 ފަތުރުވެރިންނެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1،308،582 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު %9.5 އިތުރު އަދަދެކެވެ. އަދި ހުސްވި ޖުލައި މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6،857 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 192،370 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ރަޝިއާއިން 154،335 ފަތުރުވެރިންނާއި އިނގިރޭސިވިލާތުން 121،992 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ރިސޯޓްތަކުގައެވެ. އެއީ %73.1 އެވެ. އަދި %22 ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ގެސްޓްހައުސްތަކުގައެވެ.
ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓާމިނަލް މިހާރު ހުޅުވާފައިވާއިރު، އެމްއޭސީއެލްއިން މަސައްކަތް ކުރަމުންދަނީ ފަތުރުވެރިކަމުގެ ހައި ސީޒަން އަންނަންވާއިރަށް ރާއްޖެއަށް ދަތުރުކުރާ ހުރިހައި އެއަރލައިންތަކެއްގެ އޮޕަރޭޝަންސްތައް އައު ޓާމިނަލްއަށް ބަދަލުކުރުމަށެވެ. މިކަމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ސަރުކާރުން ބެލެވެއެވެ.

