ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ހިންގާފައިވާ ކަމަށް ބެލެވޭ މުއާމަލާތްތަކާ ގުޅޭ މައްސަލަ 2024 ވަނަ އަހަރުން ފެށިގެން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ހާމަކުރެއްވި ގޮތުގައި މި މައްސަލައިގެ ތަހުގީގު ފެށިފައިވަނީ 2024 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެންނެވެ. ނަމަވެސް މައްސަލައިގެ ތަހުގީގާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއްވިއެވެ.
މި މައްސަލައިގައި ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) މެދުވެރިކޮށް ޝުޖާއުގެ ކުންފުނިތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި ކަމަށް ބުނާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ރިޕޯޓެއް މީސްމީޑިއާގައި ވަނީ ލީކްވެފައެވެ.
ލީކްވި ރިޕޯޓުގައިވާ ގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތާ ގުޅިގެން މަޖިލިހުން ސިވެކްއާ ހަވާލުކުރި 23 މިލިއަން ރުފިޔާގެ މަސައްކަތުން 19 މިލިއަން ރުފިޔާ ވަނީ ތިން ކުންފުންޏަކަށް ޖަމާކޮށްފައެވެ. އޭގެ ތެރޭގައި ޝުޖާއުގެ އޮފިޝަލް އިވެންޓްސްއަށް 13 މިލިއަން ރުފިޔާ ހިމެނެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން އަށް މިލިއަން ރުފިޔާ ވަނީ އެ ކުންފުނީގެ ދެ ހިއްސާދާރުންނަށް ރެއިންބޯއިން ދެ ލަގްޒަރީ އެޕާޓްމަންޓް ގަތުމަށް ބޭނުންކޮށްފައެވެ. މީގެ އިތުރުން، މާލޭ ސިޓީ ކައުންސިލުން ވެސް ކުއިކް ޝުއާއަށް 10.5 މިލިއަން ރުފިޔާ އެކި މަސައްކަތްތަކަށް ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

