ދިރާގުން މިއަދު އިއުލާނުކުރި “ވިން އަ ސްޕީޑް ބޯޓު ޕްރޮމޯޝަން”ގެ ދަށުން ދެ ސްޕީޑް ބޯޓެއް ދިނުމަށް ނިންމައިފިއެވެ. މި ޕްރޮމޯޝަން ތައާރަފްކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ދިރާގުން މައުލޫމާތު ދެއްވިގޮތުގައި މިފަހަރުގެ ޕްރޮމޯޝަންގެ ދަށުން ދޭ ސްޕީޑް ބޯޓުތަކަކީ 2.2 މިލިޔަން ރުފިޔާގެ އަގުހުރި އިނާމުތަކެކެވެ. މިއީ ދިރާގުން މިފަދަ އަގުބޮޑު އިނާމެއް ކަސްޓަމަރުންނަށް ދޭ ތިންވަނަ އަހަރެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ދިރާގުގެ ރާގު ޕްރީޕެއިޑް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުންނަށާއި، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކުގެ ކަސްޓަމަރުންނަށެވެ. އަދި މީގެ އިތުރުން، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށާއި، ދިރާގު ލިމިޓެއްނެތް ފައިބަރ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ.
ފާއިތުވި އަހަރުތަކުގައި ދިރާގުން ކުރިއަށް ގެންދިޔަ “ވިން އަ ޓެސްލާ” އަދި “ވިން އަ ސްޕީޑްބޯޓް” ޕްރޮމޯޝަންތަކަށް ވަނީ ކަސްޓަމަރުންގެ ފަރާތުން ފާހަގަކޮށްލެވޭ ތަރުހީބެއް ލިބިފައެވެ. މި ޕްރޮމޯޝަންތަކުގެ ކާމިޔާބީއާއެކު، މިއަހަރުވެސް ދިރާގުން ވަނީ ކަސްޓަމަރުންނަށް މިފަދަ ޚާއްސަ ފުރުސަތެއް ހޯދައިދީފައެވެ.

