މާލެ ސަރަހައްދުގައި ވީއްލިގެން އުޅޭ ބުޅާތައް އޮޅުހިޔާއަށް ވެއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 100 އަށްވުރެ ގިނަ ބުޅާ ނަގާފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.
ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި، އޮޅުހިޔާ ހިންގަން ފެށިއިރު އެތަނުގައި ކަރަންޓީން ކުރެވޭނެ ވަސީލަތްތައް ނެތުމުން، ފުރަތަމަ މަރުހަލާގައި ކޭޖްތައް ތައްޔާރުކޮށް 15 ބުޅާ ވަނީ އެތަނަށް ގެންގޮސްފައެވެ. އޭގެ ފަހުން އެކި ފަހަރުމަތިން ބުޅާތައް ނަގަމުން ގެންދިޔުމާއެކު، މިހާރު އެއްފަހަރާ 100 ބުޅާ ކަރަންޓީނު ކުރެވޭނެ ގޮތަށް ވަނީ ޖާގަ އިތުރުކުރެވިފައެވެ.
އެ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، މިވަގުތު އޮޅުހިޔާގައި ޖުމްލަ 122 ބުޅާ ވަނީ ގެންގޮސްފައެވެ. މީގެ ތެރޭގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް ކޮށިތަކަށް ބަދަލުކޮށްފައިވާ ބުޅާތަކާއި މިހާރުވެސް ކަރަންޓީނުގައި ތިބި ބުޅާތައް ހިމެނެއެވެ. އަދި ކަރަންޓީން މަރުހަލާ ނިމުމަށްފަހު ބުޅާތައް ލާންޖެހޭ ކޮށިތަކުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މާލެ ސަރަހައްދުގެ މަގުމަތީގައި ބުޅާތައް ގިނަވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ޤާއިމްކުރި އޮޅުހިޔާ ހުޅުވާފައިވަނީ މިދިޔަ ނޮވެންބަރުމަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ މި ފެސިލިޓީއަކީ، މަގުމަތީގައި އުޅޭ ބުޅާތަކަށް އޯގާތެރިކަމާއި އަޅާލުމާއެކު ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ތަނެކެވެ.
މި މަރުކަޒު ހުޅުވުމާއެކު، މަގުމަތީގައި އުޅޭ ބުޅާތަކުގެ ސަބަބުން ރަށުތެރެއާއި މަގުތައް ހަޑިވެ ނަޖިސްވުން ކުޑަކުރެވި، އެ ޖަނަވާރުތަކަށް ރަނގަޅު ފަރުވާއެއް ދެވޭނެކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.

