ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށުގެ ރައްޔިތުންނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ފުރުޞަތު ހުޅުވާލައިފައެވެ.
އެޗްޕީއޭ އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ސާރވޭގެ މައިގަނޑު މަޤުޞަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ އެންމެނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމެވެ. މީގެ އިތުރުން މުޖުތަމައު ހޭލުންތެރިކުރުމާއި، ތަންފީޛު ކުރުމުގައި ދިމާވާ ގޮންޖެހުންތަކާމެދު އާންމުން ދެކޭގޮތް ދެނެގަތުމަށްވެސް މި ސާރވޭ އަމާޒުކުރެވިފައިވެއެވެ.
މިކަމާ ގުޅިގެން، މިދިޔަ ޖޫން މަހު ވަޒީރުންގެ މަޖިލީހުން ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ދިރާސާއެއް ހެދުމަށް ނިންމަވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މޭ މަހުގެ 21 ވަނަ ދުވަހު ރައީސް ވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވާފައެވެ. މި އިޞްލާޙުގެ ދަށުން، 2007 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ހުރިހާ ކުދީންނަށް ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުން މަނާކުރެވިފައިވެއެވެ.
އެޗްޕީއޭ އިން ވަނީ މި ސާރވޭގައި ބައިވެރިވުމަށް ވީހާވެސް ގިނަ ފަރާތްތަކަށް ގޮވާލައި، އިނގިރޭސި އަދި ދިވެހި ބަހުން ޚިޔާލު ހުށަހަޅާ ފޯމު އާންމުކޮށްފައެވެ. މި މަސައްކަތަކީ ދުންފަތުގެ ނުރައްކަލުން ދިވެހި ޤައުމު މުޅީން ސަލާމަތްކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

