މާލޭގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު އިއްޔެ ހަވީރު އިމިގްރޭޝަނުން އަތުލައިގެންފިއެވެ. މި ދެ ބިދޭސީން ހައްޔަރުކޮށްފައިވަނީ އިމިގްރޭޝަނުގެ ޓާސްކް ފޯސްއިން މާލޭގައި ހުންނަ ކެފޭއެއް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ.
އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި މިއީ ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި ހައްޔަރުކުރެވުނު ދެ ބިދޭސީން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
މީގެ ކުރިން، ނިމިދިޔަ ޖުލައި 31 ވަނަ ދުވަހު އިމިގްރޭޝަނުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ވަނީ ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 25 ބިދޭސީން އަތުލައިގެންފައެވެ. މިއީ އިމިގްރޭޝަނުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
އިމިގްރޭޝަނުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 2،022 ބިދޭސީން ވަނީ އެމީހުންގެ އަމިއްލަ ޤައުމަށް އަނބުރާ ފޮނުވާލާފައެވެ. އަދި 2022 ވަނަ އަހަރުގެ 17 ނޮވެމްބަރުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖުމްލަ 7،635 ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލައަކީ ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެމުންދާ މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން އެކި ފިޔަވަޅުތައް އަޅަމުންދާއިރު، މި މަސައްކަތް ކުރިއަށް އޮތް ތަނުގައިވެސް ހަރުދަނާކޮށް ކުރިއަށް ގެންދާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

