ކެއުމުގެ ފަހުން މެއިން ދިލަނެގުމަކީ ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. މިކަން ދިމާވަނީ ކާތަކެތި ދަތުރުކުރާ ހޮޅިއަށް މައިދާގައި އުފެދޭ އެސިޑް ޖަމާވުމުގެ ސަބަބުންނެވެ. މިކަން މެދުވެރިވަނީ ކާތަކެތި ދަތުރުކުރާ ހޮޅީގެ ނިމޭ ކޮޅުގައި ހުންނަ ވޭލްވް ބަލިކަށިވުމުގެ ސަބަބުންނެވެ.
މެއިން ދިލަނެގުމުގެ މައިގަނޑު ސަބަބުތައް؛ ކާތަކެތި ދަތުރުކުރާ ހޮޅިން ތިރިއަށް ކާތަކެތި ދަތުރުކުރަނީ ބިމަށް ދަމާ ބާރުގެ އެހީގައެވެ. ނަމަވެސް އޮށޯތުމުން ނުވަތަ ގުދުވުމުން މިކަން އިދިކޮޅަށް ދިމާވެއެވެ. މީގެ އިތުރުން ހަޖަމު ކުރުމަށްޓަކައި ބަނޑުގައި އުފެދޭ ޕްރެޝަރުގެ ސަބަބުން ކާތަކެއްޗާއި އެސިޑް އިދިކޮޅަށް ދައުރުވާ ގޮތްވެސް ވެއެވެ.
ގޭގައި ވަގުތީ ގޮތުން ދެވިދާނެ ފަރުވާތައް؛ މިފަދަ ހާލަތެއްގައި އެންމެ ފުރަތަމަ ކުރަންވީ ކަމަކީ މާމުއި ތިން ސަމުސާ މާމުއި ބުއިމެވެ. މީގެ އިތުރުން ފިނި ކިރު ތަށްޓެއް ބުއިމުންވެސް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. ކިރުގައި އެކުލެވޭ ކެސެއިން ޕްރޮޓީނުގެ ސަބަބުން މޭގައި އުފެދޭ އެސިޑްގެ އަސަރު ކުޑަކޮށްދެއެވެ.
މީގެ އިތުރުން ޔޯގަޓް، އައިސްކްރީމް އަދި އެލޯވެރާ ޖޫސް ފަދަ ތަކެތިން ވެސް ވަގުތީ ހައްލެއް ލިބިގެން ދާނެއެވެ. އަދި އިނގުރާއި ލުނބޯ ސައި، ނުވަތަ ފިނިކޮށް ހަދާފައި ހުންނަ ޓޮމާޓޯ ޖޫސް ނުވަތަ ފިނި ކަރާފަނި ތަށްޓެއް ބުއިމުންވެސް މޭ އެންދުން ދުރުކޮށް މެއިންދިލަ ނެގުން ކުޑަކޮށްދެއެވެ. ހަމައެހެންމެ ރީނދޫ ސަމުސަލަކާއި މާމުއި ސަމުސަލެއް ކިރުތަށްޓަކަށް އަޅައި، ރީނދޫކިރު ތަށްޓެއް ގިރައިގެން ބުއިމުންވެސް މެއަށް ފިނިވެ ހަޖަމުގެ ނިޒާމު ހަމަޖެހިގެންދާނެއެވެ. ފޮނިތޮށި ސަޔަކީވެސް ރަނގަޅު ބުއިމެކެވެ. ވީހާވެސް ބޮޑަށް މެއަށް ފިނިވާނެ ފަދަބުއިންތަކަށް ސަމާލުކަން ދިނުން މުހިންމެވެ. އިސްބަގުލް ފަންޏަކީވެސް މެއަށް އަރާމު ލިބިދޭނެ ބުއިމެކެވެ.
ނަމަވެސް މިފަދަ މައްސަލަތައް ތަކުރާރުކޮށް ދިމާވާނަމަ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.
ސަމާލުކަން ދޭންވީ ކަންތައް: މިފަދަހާލަތުގައި ގިނައިން ފެން ބުއިމަކީ ވަރަށް އާންމުކޮށް ކުރެވޭ އެހެނަސް ރަނގަޅު ނޫން ކަމެކެވެ، ސަބަބަކީ ފެން ބުއިމުން މިހާލަތުގައި ދިލަ ނެގުން އިތުރުވެ މެއަށް އިތުރަށް އުނދަގޫ ވާނެތީއެވެ. އަދި މަތިން އަރާގޮތްވާނެތީއެވެ.
މެއިން ދިލަނެގުމާއި މޭ އަންދާ ގޮތްވެ މޭގައި ރިއްސުން މިއީ ބައެއް ފަހަރު ވަރަށް ބޮޑަށް މީހާއަށް އަސަަރު ކުރުވާ ކަމެއްވެސް މެއެވެ، އެހެންކަމުން މެއިން ދިލަނެގުން ބޮޑުވެ ހާލަތު ގޯސްވެ ނޭވާލާން އުނދަގޫވާ ފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ.

