ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަކިކޮށްފިއެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ވަނީ މާލިއްޔަތު ކޮމެޓީގައި އިންނެވި ޝުޖާއުގެ ބަދަލުގައި ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަނާން މުހައްމަދު ރަޝީދު ހަމަޖައްސާފައިވާކަން އިއުލާނު ކުރައްވައިފައެވެ. ޝުޖާއު ހަމަޖައްސާފައިވަނީ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީއަށެވެ.
ކުއްލި ގޮތަކަށް ޝުޖާއު އެކޮމެޓީން ވަކިކޮށްފައިމިވަނީ މީސް މީޑިއާގައި އިއްޔެ ފެންމަތިވި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރު ކޮށްފައިވާ ކަމަށް ބުނާ ރިޕޯޓެއްގައި އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ ބައެއް މުއާމަލާތްތަކާއި ބެހޭ މައުލޫމާތު އާންމުވުމާއި ގުޅިގެންނެވެ.
ނަމަވެސް ކުއްްލި ގޮތަކަށް ވެރިކަން ކުރާ ޕާޓީގެ ޕީޖީއިން މިފަދަ ބަދަލުތައް ގެނައި ސީދާ ސަބަބެއް ހާމައެއްނުކުރައްވައެވެ.
ފުލުހުން މި މައްސަލަ ބަލަމުންދާކަން ޔަގީންކޮށްދީފައިވާއިރު، ޝުޖާއު ވަނީ ރިޕޯޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދާފައިއެވެ. މި ރިޕޯޓުގައި ބުނެފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވި ރަސްމިއްޔާތާ ގުޅޭގޮތުން ސިވެކްއަށް ދޫކުރި ފައިސާގެ ބޮޑު ބައެއް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ޖަމާކޮށްފައިވާ ކަމަށާއި، މި ފައިސާއިން އެޕާޓްމަންޓް ގަނެފައިވާ ކަމަށެވެ.
ލީކުވެފައިވާ ރިޕޯޓުގައި ވަނީ ނޮވެންބަރު އެކެއް، 2023 އިން ފެށިގެން ޖަނަވަރީ 10، 2024ގެ ނިޔަލަށް ހިނގާފައިވާ މުއާމަލާތްތަކެކެވެ. އެ މުއްދަތުގެ ތެރޭގައި 42 މިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ރިޕޯޓްގައިވެއެވެ.

