ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ ޙަސަން ޞާބިރުގެ ހަނދާނުގައި މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހަމަހިމޭންކަމުގެ ސްކޫތެއް ގެނެސްފިއެވެ.
ޙަސަން ޞާބިރަކީ ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ އިސް ބޭފުޅެކެވެ. އެމަނިކުފާނުގެ މި ދިގު ޚިދުމަތުގެ ތެރޭގައި، 15 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަމާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި އަރިއަތޮޅުގެ މެންބަރުކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ޙަސަން ޞާބިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އެރުވުނެވެ. މި މަތިވެރި ޝަރަފު އެމަނިކުފާނަށް ލިބިވަޑައިގަތީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައާއި، އިޤްތިޞާދީ ދާއިރާ، ޚާއްޞަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި ކުރައްވާފައިވާ އަގުހުރި މަސައްކަތްތަކަށް ބަލައިގެންނެވެ.
މީގެއިތުރުން، ޚާރިޖީ ދާއިރާއިން އެމަނިކުފާނު ކުރެއްވި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންވެސް މި މަތިވެރި ޝަރަފު އެރުވުނެވެ. ޙަސަން ޞާބިރު އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ގެނެވުނު ހަމަހިމޭންކަމުގެ ސްކޫތަކީ އެމަނިކުފާނު ދިވެހި ދައުލަތަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ ހަނދާން އާކޮށް، އެމަނިކުފާނުގެ ހަނދާން އަބަދަށް ދިރުވުމަށް ގެނެވުނު ސްކޫތެކެވެ.

