އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އުއްތަމަ ފަނޑިޔާރުކަމުގެ މަގާމު ހުސްވީ، މީގެކުރިން އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން އެ މަގާމުން މިދިޔަ މަހުގެ 21 ގައި ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލުމުން ތިން ބޭފުޅަކު ވަނީ އެ މަގާމަށް ކުރިމަތިލައްވާފައެވެ. އެއީ:
- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޣަނީ
- ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާން
- ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު
އެ ތިން ބޭފުޅުންނާ ޖޭއެސްސީން އިއްޔެ ވަނީ އިންޓަވިއުކޮށްފައެވެ. މި ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ޖޭއެސްސީން ލަފާ ދޭން ނިންމީ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ޣަނީ އައްޔަންކުރެއްވުމަށެވެ.
ޣަނީ މިވަގުތު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ. އޭނާ ވަނީ 2000 ވަނަ އަހަރުން ފެށިގެން 2020 ގެ ނިޔަލަށް މެދުކެނޑުމެއްނެތި ފަނޑިޔާރުކަން ވަނީ އަދާކުރައްވައިފައެވެ.

