ފަލަސްޠީނުގެ ޣައްޒާގައި ކާބޯތަކެތި ނުލިބި ބަނޑުހައިހޫނުކަމުގެ ސަބަބުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 6 މީހުން ޝަހީދުވެއްޖެއެވެ. މިއާއެކު ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 175 އަށް އަރާފައެވެ. މީގެ ތެރޭގައި 93 ކުޑަކުދިން ހިމެނެއެވެ.
މިދިޔަ މާރިޗު މަހުން ފެށިގެން ޔަހޫދީން ވަނީ ޣައްޒާއަށް އެއްވެސް މިންވަރަކަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުން ހުއްޓުވާފައެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެފައިވަނީ ތެޔޮ ނުލިބުމުގެ ސަބަބުން ހަސްފަތާލުތަކުން ޚިދުމަތް ދިނުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށާއި، މިހާރު ހަމައެކަނި އެންމެ ޙާލު ދެރަ ބަލިމީހުންނަށް ޚިދުމަތް ދިނުމަށް މަޖުބޫރުވެފައިވާ ކަމަށެވެ.
ބައިނަލްއަޤްވާމީ ފިއްތުންތައް އިތުރުވުމާ ގުޅިގެން، ޔަހޫދީން ވަނީ ޣައްޒާއަށް އިތުރު އެހީގެ ސާމާނު ވެއްދުމަށް ފުރުޞަތު ދޭން މަޖުބޫރުވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި ވަކި ގަޑިތަކެއްގައި އަދި ވަކި ސަރަޙައްދުތަކެއްގައި ޙަމަލާދިނުން މަޑުޖައްސާލާފައިވެއެވެ. މިހާރު 107 ޓަނުގެ ޑީސެލް ޣައްޒާއަށް އެތެރެކުރުމަށް މިޞްރު ފަޅީގައި ދެ ލޮރީ ތައްޔާރަށް އޮތް ކަމަށް ވެއެވެ.
ހުޅަނގުގެ އަދި ޢަރަބި ޤައުމުތަކުން ވައިގެ މަގުން ޣައްޒާއަށް އެހީ ފޯރުކޮށްދެމުންދާއިރު، ބެލްޖިއަމުން ވެސް ޢުރުދުންއާ ގުޅިގެން ފުރަތަމަ ފަހަރަށް ވައިކުޑަ މެދުވެރިކޮށް އެހީގެ ސާމާނު ފޯރުކޮށްދީފައިވެއެވެ.
އެހީދޭ ޖަމްޢިއްޔާތަކުން ފާހަގަކުރާ ގޮތުގައި ހަމައެކަނި ވައިގެ މަގުން އެހީ ފޯރުކޮށްދިނުމަކީ ޣައްޒާގެ ބަނޑުހައިހޫނުކަމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނޫނެވެ. ޔުނިސެފުން ބުނާ ގޮތުގައި އެއްގަމު މަގުން ވެސް އެހީ ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ. އަދި މަދުވެގެން 500 ލޮރީގެ އެހީގެ ސާމާނު ޣައްޒާއަށް އެތެރެކުރަން ޖެހެއެވެ.
ޣައްޒާގެ ސަރުކާރުން މަޢުލޫމާތު ދީފައިވާ ގޮތުގައި ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް ޣައްޒާއަށް އެތެރެކޮށްފައިވަނީ 1،600 އެއްހާ ލޮރީގެ ސާމާނެވެ. ނަމަވެސް މިއީ އެ ސަރަޙައްދުގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް އެކަށީގެންވާ މިންވަރެއް ނޫން ކަމަށް ބައިނަލްއަޤްވާމީ އެހީދޭ ޖަމްޢިއްޔާތަކުން ފާހަގަކުރެއެވެ.

