ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެ ސަރަހައްދަށް ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށާއި، ޚާއްޞަކޮށް މުޅި ރާއްޖެއަށް ވިއްސާރަވެ، އާންމު ގޮތެއްގައި ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް، މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ މި ދުވަސްވަރަކީ ސްކޫލު ޗުއްޓީ ދުވަސްވަރުކަމުން ގިނަ ބަޔަކު ކަނޑުމަގުން ދަތުރުކުރާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.
ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް އިލްތިމާސްކުރާ ކަމަށާއި، އަދި ރޭގަނޑު ދަތުރު ނުކުރެއްވުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލެއްވުމަށް އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރެއްވުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
