މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހއ. ބާރަށުން ދެ މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހއ. ބާރަށުން ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ވެސް ވަނީ ފެނިފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހައްޔަރުކުރުންތައް ގެނެވިފައިވަނީ ހއ. ބާރަށަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
މި މަހުގެ 3 ވަނަ ދުވަހު ބާރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި، އެ ރަށު ގެއެއް ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ 5.96 ގުރާމުގެ އެއްޗެހި ވަނީ ފެނިފައެވެ. މި މައްސަލައިގައި ހައްޔަރު ކުރެވުނީ ހއ. ބާރަށް ކަރނޭޝަންވިޔުގެ އަބްދުﷲ ފަޞީޙް (37 އަހަރު) އާއި ހަމަ އެގޭގެ އިބްރާހީމް ކަލީމް (34 އަހަރު) އެވެ.
މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަބްދުﷲ ފަޞީޙް 15 ދުވަހަށް އަދި އިބްރާހީމް ކަލީމް 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލައިގެ ތަހުގީގު ބާރަށު ޕޮލިސް ސްޓޭޝަނުން ދަނީ ކުރިއަށް ގެންދަމުންނެވެ.

