ގއ ގެމަނަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ކައުންސިލް ވޮލީ މުބާރާތް 2025 ގެ ސެމީ ފައިނަލަށް ގއ ކޮނޑޭ ވެލާ ދަތުރުކޮށްފިއެވެ.
ގެމަނަފުށީ ރަސްމީ ވޮލީކޯޓުގައި ކުރިއަށްދިޔަ މި މެޗު ވެލާ ކާމިޔާބު ކުރީ ސީދާ 3 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓުން ފެށިގެން ވެލާ ޓީމް ކުޅެމުންދިޔައީ އެއްވެސް ޕްރެޝަރެއް ނެތިއެވެ. ކާމިޔާބު ޓީމަކީ ވަރަށް ޒުވާންޓީމެކެވެ. އަދި ވެލާ ޓީމްގެ މައްޗަށް ކާމިޔާބު ޕޮއިންޓްތަކެއް ވަނީ ހޯދާފައެވެ. މެޗުގެ ފުރަތަމަ ސެޓު 25،12 އިން ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ކާމިޔާބު ކުރީ 25،13 އިންނެވެ. މެޗުގެ 3 ވަނަ ސެޓު ކާމިޔާބު ކުރީ 25،18 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެލާ ޓީމްގެ ޖޯޒީނަންބަރު 10 ހަސަން އަކުރަމް އެވެ.
ގްރޫޕް ބީގެ ދެވަނަ ޓީމުގައި ވެލާ ސެމީއަށް ދިޔަ އިރު މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދީ ދެ މެޗުން މޮޅުވި ގެމަނަފުށީ ވޮލީ ކުލަބެވެ.
މުބާރާތުގައި ފިރިހެން 6 ޓީމް ބައިވެރިވެފައިވާ އިރު ކުރިއަށްދަނީ 2 ގުރޫޕަކަށް ބަހަލައިގެންނެވެ. މި މުބާރާތުގެ އަންހެން ޑިވިޝަން ނިމިފައިވާ އިރު ޗެމްޕިއަންކަން ހޯދާފައިވަނީ ގެމަނަފުށީ ވޮލީ ކުލަބެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް ކަށަވަރު ކުރި ޓީމްތަކަކީ ގެމަނަފުށީ ވޮލީ ކުލަބު، ފޭސް ފިޔޯރީ، އަދި ނިލަންދޫ ކައުންސިލް ޓީމެވެ. ގެމަނަފުށީ ވޮލީ ކުލަބު ވަނީ އެ ގުރޫޕުގެ އެއްވަނަ ހޯދާފައެވެ.
ގުރޫޕު ބީގައި ހުޓިކޮޑާ 2 މެޗުން ބަލިވެފައިވާތީ އެ ގުރޫޕުގެ އެއްވަނަ ޓީމު ޔަގީން ވާނީ ނިލަންދޫ އަދި ފިޔޯރީ އާއި ވާދަކުރާ މެޗުން މޮޅުވާ ޓީމެކެވެ.
މި ދެޓީމް ވާދަކުރާ މެޗް އޮންނާނީ މިރޭއެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމްތަކަކީ ގެމަނަފުށި ވޮލީ ކުލަބު، ވެލާ، ފޭސް ފިޔޯރީ ވޮލީޓީމް، ކާމިޔާބު ވޮލީޓީމް، ހުޓިކޮޑާ، އަދި ނިލަންދޫ ވޮލީޓީމެވެ. އަދި އަންހެން ޓީމްތަކަކީ ސީ ކުއީންސް، ގެމަނަފުށީ ވޮލީ ކުލަބު، ކަނޑުހުޅުދޫ ވޮލީޓީމް، އިގްނައިޓް ޖޫނިއާސް، ހުޓިކޮޑާ ކަނބަލުންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމްއަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.

