ލ. އަތޮޅު ގަމުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ 32 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެ މަޝްރޫޢު ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކޮށްފިއެވެ.
104 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަގެއްގެ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އިޖުތިމާއީ މަގުގައި ސްޓޯމް ވޯޓަރ ޖަންކްޝަން ބެހެއްޓުމާއި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތްތަކެވެ. މި މަޝްރޫޢަކީ 2022 ވަނަ އަހަރުގެ ޑިސެންބަރު 29 ވަނަ ދުވަހު އާރުޑީސީއާ ހަވާލުކުރެވުނު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ގަމުގެ މަގުތަކުގައި ޒަމާނީ ފެންވަރުގެ ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމްކުރެވޭނެއެވެ. އަދި ދުވާރު ހެދުމާއި، މިހާރު ހުރި ޖަންކްޝަންތައް މަގުތަކާ އެއްވަރުކުރުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ.
މީގެ އިތުރުން މަގުތަކުގައި ނިޝާން ކުރެހުމާއި، ސްޕީޑް ބްރޭކަރު އަދި ނިޝާން ބޯޑުތައް ބެހެއްޓުމާއެކު މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދެވޭނެއެވެ. މި މަޝްރޫޢު ނިމުމުން ގަމުގެ މަގުތައް މިހާރަށްވުރެ ރައްކާތެރި އަދި ފަސޭހަ ގޮތެއްގައި ބޭނުންކުރެވޭނެ ކަމަށް އާރުޑީސީން ބުނެފައިވެއެވެ.

