50 އަހަރު ވެފައިވާ ގަލޮޅު މޯޗަރީ ހުޅުމާލެއަށް ބަދަލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައި، އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ކައުންސިލުން މިއަދު ހާމަކޮށްފިއެވެ.
1975 ވަނަ އަހަރު ހިންގަން ފެށި ގަލޮޅު މޯޗަރީއަކީ ފުރަތަމަ ހުޅުވިއިރު ދެ މީހުންގެ ހަށިގަނޑު ބޭއްވޭ ވަރުގެ ޖާގައެއް އޮތް ތަނެކެވެ. ނަމަވެސް މިހާރު އެތަނުގައި 6 މީހުންގެ ހަށިގަނޑު ބޭއްވޭ ގޮތަށް ވަނީ ތަރައްޤީކޮށްފައެވެ.
ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އައު މޯޗަރީ އިމާރާތް އަޅާނީ ހުޅުމާލޭގައި މިހާރު ހިނަވާގެ ހުރި ސަރަޙައްދުގައެވެ. އައު އިމާރާތުގައި މިހާރު ބޭނުންކުރާ މޯޗަރީގެ ސިސްޓަމްތަކުގެ އިތުރުން އިތުރު 4 ސިސްޓަމް ހިމަނައި، ޖުމުލަ 10 މީހުންގެ ހަށިގަނޑު ބޭއްވޭ ވަރުގެ ޖާގަ ހުންނާނެއެވެ. މީގެ އިތުރުން ދެ މުވައްޒަފުންނަށް ދިރިއުޅެވޭ ގޮތަށް އެކަމަޑޭޝަން ވެސް ހަދާނެއެވެ.
ކައުންސިލުން ވިދާޅުވެފައިވަނީ މި އަހަރު ނިމުމުގެ ކުރިން މޯޗަރީގެ މުޅި ޚިދުމަތް ހުޅުމާލެއަށް ބަދަލުކުރުމަށް އަމާޒުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، “މިހާރުގެ އިމާރާތުގައި މަރާމާތުކޮށް ރަނގަޅުކުރަންޖެހޭ ކަންކަން ވެސް ރަނގަޅުކުރާނެ” ކަމަށް ކައުންސިލުން ވިދާޅުވިއެވެ.
ރާއްޖޭގެ އެހެން ދެ ރަށަކާއި ބައެއް ހޮސްޕިޓަލްތަކުގައި މޯޗަރީގެ ޚިދުމަތް ޤާއިމުކޮށްފައި ހުރި ނަމަވެސް، ގަލޮޅު މޯޗަރީއަކީ ރާއްޖޭގައި އެންމެ ކެޕޭސިޓީ ބޮޑު މޯޗަރީއެވެ. މިހާރުގެ އިމާރާތް ވަނީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައި ކަމަށާއި، އެތަނުގެ ވަސީލަތްތައް ވެސް މަރާމާތުކުރަން ޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ފާހަގަކުރައްވައެވެ.

