ދިފާޢީ ވުޒާރާގެ ދަށުން ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް) ގައި 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި، ހަނދާނީ ފިލާ އަރުވައިފިއެވެ.
މި ރަސްމިއްޔާތުގައި، އެވްސެކޮމްގައި 32 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރުމަށްފަހު ރިޓަޔަރކުރެއްވި މުޙައްމަދު އިލްޙާމްގެ އިތުރުން، 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ 25 މުވައްޒަފަކަށް ހަނދާނީ ފިލާ އަރުވާފައިވެއެވެ.
ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް މުޢާޛު ޙަލީމް ދެއްކެވި ވާހަކަފުޅުގައި، "ފިލާ ލިބިވަޑައިގަންނަވާ ބޭފުޅުން ކުރައްވާފައިވާ އިޚްލާސްތެރި މަސައްކަތާއި، މި ދިގު މުއްދަތުގައި ދިވެހިރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީގައި ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން" ވިދާޅުވިއެވެ.
މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް މުޢާޛު ޙަލީމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް ޢާއިޝަތު ޞަފޫރާ އަދި ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް ފާޠިމަތު މިޒްނާ ޢަލީއެވެ.
މި ރަސްމިއްޔާތަކީ އެވްސެކޮމްގެ ދިގު މުއްދަތުގެ މުވައްޒަފުންގެ ވަފާތެރި ޚިދުމަތް ފާހަގަކޮށް، އެ ބޭފުޅުންގެ އަގުވަޒަންކުރުމަށް ބޭއްވުނު ފުރަތަމަ ރަސްމިއްޔާތެވެ.

