ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގައި ބޭނުންކުރެވޭނީ ސައްޙަ މައުލޫމާތާއި އިޖްތިމާއީ މިންގަނޑުތަކަށް ފެތޭގޮތަށް ތައްޔާރުކުރާ ކޮންޓެންޓުތައްކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ، ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން އިސްތިހާރު ކުރުމާއި ބެހޭ ގަވާއިދެއް އެ ވުޒާރާއިން އެކުލަވައިލާ އާންމުކުރުމާއި ގުޅިގެންނެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގައި ބައެއް ފަހަރު ތަންތަނުގެ އަސްލު ގެއްލޭގޮތަށް ނުވަތަ ހަޤީޤަތް އޮޅޭގޮތަށް އިސްތިހާރު ކުރެވިގެންދާތީ، އޭގެ ސަބަބުން ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ ތަންތަނާއި ކަންކަމަށް އޮންނަ އިތުބާރަށް ނުރަނގަޅު އަސަރު ކުރާކަމަށެވެ. މިފަދަ މައްސަލަތައް ކުޑަކުރުމަށްޓަކައި، ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މި ވަނީ ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން އިސްތިހާރުކުރުމާއި ބެހޭ ގަވާއިދެއް އެކުލަވާލައިފައެވެ.
މި ގަވައިދުގެ ދަށުން “އިސްތިހާރު” ކަމަށް ބުނެފައި ވަނީ ޕްރިންޓް، ޑިޖިޓަލް، އޮންލައިން، ވީޑިއޯ އަދި ސޯޝަލް މީޑިއާ ފްލެޓްފޯމްތަކުގައި ކުރާ އިސްތިހާރުތަކުގެ ގޮތުގައެވެ. މި ގަވާއިދުގެ މައިގަނޑު މަޤްޞަދަކީ، ބޭރު ދުނިޔޭގައި ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޝައުގުވެރިކަން އުފެއްދުމަށް ކުރާ އެކިއެކި އިސްތިހާރު ނުވަތަ ދެވޭ މައުލޫމާތަކީ ސައްޙަ މަޢުލޫމާތުކަމަށް ކަށަވަރުކުރުންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނާއި ގުޅޭގޮތުން އަދި އެތަންތަނުގެ ވަށައިގެންވާ މާހައުލާއި ލިބެން ހުންނާނޭ އެހެނިހެން ޚިދުމަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ޢާއްމުކުރުމުގައި، ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންނުވާނޭ ގޮތުގެ މަތީން ރާއްޖެ ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިންނަށް ތަސައްވަރުކޮށްދިނުމަކީވެސް މި ގަވާއިދުގެ މަޤްޞަދެކެވެ. މީގެ އިތުރުން ރާއްޖެއައިސްދާ ފަތުރުވެރިންނަށް އެ ފަރާތްތައް ރާއްޖޭގައި ހޭދަކުރާ ދުވަސްތަކަކީ އެ މީހުން ބޭނުންވި އަދި ހިތްހަމަޖެހޭ ފަދަ ދުވަސްތަކަށް ހެދުމަށް ބާރުއެޅުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި ޤަވައިދު ހިނގާނެ ދާއިރާތަކަކީ:
ޓޫރިސްޓް ރިސޯޓު
އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓު
ޕްރައިވެޓް އައިލެންޑް
ޓޫރިސްޓް ހޮޓާ
ޓޫރިސްޓް ގެސްޓް ހައުސް
ޓޫރިސްޓް އުޅަނދު
ޔޮޓު ބަނދަރު
ފީނުމުގެ ޚިދުމަތްދޭ ތަންތަން
މޫދު ކުޅިވަރު ޚިދުމަތްދޭ މަރުކަޒާއި ވޯޓަރ ރިލޭޓަޑް ސްޕޯރޓްސް އެންޑް އެކަސްކަރޝަން ސެންޓަރުތައް
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، ފަތުރުވެރިކަމާއި ގުޅުންހުރި އިސްތިހާރު ކުރާއިރު އެ އިސްތިހާރެއް ވާންވާނީ އަދި ދެވޭ މެސެޖް އޮންނަންވާނީ ރާއްޖޭގެ ޤާނުންތަކާއި ގަވާއިދުތަކާއި ފުށުނާރާ ގޮތަށް އެ ގާނޫނާއި ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ. އަދި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ އިސްތިހާރުތަކުގައި އިޖުތިމާއީ މިންގަނޑުތަކާއި، ސަގާފީގޮތުން ނުވަތަ ދީނީގޮތުން ނޭދެވޭ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ކޮންޓެންޓު ހިމަނައިގެން ނުވާނެކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމާއި ގުޅުންހުރި އިސްތިހާރެއް ކުރާއިރު ކުރަންޖެހޭނީ ވަށައިގެންވާ މާހައުލާއި އަދި ލިބޭ ޚިދުމަތްތަކާއި ގުޅޭގޮތުން ސައްހަ މަޢުލޫމާތުކަމަށާއި، ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ހަމަޖެހިފައިވާ ތަންތަނުން ކުރާ އިސްތިހާރުތަކުގައި އެފަދަ ތަންތަނާބެހޭ ގޮތުން ދޭންވާނީ ސައްހަ މަޢުލޫމާތުކަމަށެވެ. އަދި އިސްތިހާރެއްގައި އެހެން ޤައުމަކަށް ނުވަތަ އެހެން ސަގާފަތަކަށް ނުވަތަ އެފަދަ އެއްވެސް ފަރާތަކަށް ނޭދެވޭފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ކޮންޓެންޓް ހުރެގެން ނުވާނެކަމަށްވެސް އެ ވުޒާރާއިން ވަނީ ބަޔާންކޮށްފައެވެ.
ފަތުރުވެރިން ބޭތިއްބުމަށް އިސްތިހާރު ކުރާ ތަންތަނަކީ ފަތުރުވެރިކަމާބެހޭ ވުޒާރާގައި ރަޖިސްޓްރީވެފައި ނުވަތަ އޮޕަރޭޓިންގ ލައިސަންސެއް އޮތް ފަރާތަކަށް ވާންވާނެކަމަށާއި އަދި އިސްތިހާރު ކުރަންވާނީ އެ ފަރާތަކަށް ދޫކޮށްފައިވާ ރަޖިސްޓްރީ ނުވަތަ އޮޕަރޭޓިންގ ލައިސަންސްގައި ބަޔާންކޮށްފައިވާ ގިންތީގެ ދަށުން އެކަން ބަޔާންކޮށްގެންކަމަށްވެސް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

