ގއ ގެމަނަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ގދ ފިޔޯރީ ފޭސް ދަތުރުކޮށްފިއެވެ.
ގެމަނަފުށި ރަސްމީ ވޮލީ ކޯޓުގައި ކުރިއަށް ދިޔަ މި މެޗު އެޓީމުން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.
މެޗު ފަށައިގެން ފުރަތަމަ ސެޓުގައި ނިލަންދޫގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނު މިސެޓު ފިޔޯރީން ކާމިޔާބު ކުރީ 25،12 އިންނެވެ. ދެވަނަ ސެޓުގައި ނިލަންދޫގެ ކުޅުން ވަރަށް ބޮޑުތަން ރަނގަޅުކޮށް އެ ސެޓު ނެގިއެވެ. މި ސެޓު ކާމިޔާބު ކުރީ 25،21 އިންނެވެ.
މެޗުގެ 3 ވަނަ ސެޓާއި 4 ވަނަ ފަސޭހަ ކަމާއިއެކު ކާމިޔާބު ކޮށް ގްރޫޕުއެއްވަނަ ގޮތުގައި ފިޔޯރީން ވަނީ ސެމީގެ ޖާގަ ކަށަވަރުކޮށްފައެެވެ.
މުބާރާތުގައި ފިރިހެން 6 ޓީމް ބައިވެރިވެފައިވާ އިރު ކުރިއަށްދަނީ 2 ގުރޫޕަކަށް ބަހަލައިގެންނެވެ. މި މުބާރާތުގެ އަންހެން ޑިވިޝަން ނިމިފައިވާ އިރު ޗެމްޕިއަންކަން ހޯދާފައިވަނީ ގެމަނަފުށީ ވޮލީ ކުލަބެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް ކަށަވަރު ކުރި ޓީމްތަކަކީ ގެމަނަފުށީ ވޮލީ ކުލަބު، ފޭސް ފިޔޯރީ، އަދި ނިލަންދޫ ކައުންސިލް ޓީމުގެ އިތުރުން ކޮނޑޭ ވެލާއެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމްތަކަކީ ގެމަނަފުށި ވޮލީ ކުލަބު، ވެލާ، ފޭސް ފިޔޯރީ ވޮލީޓީމް، ކާމިޔާބު ވޮލީޓީމް، ހުޓިކޮޑާ، އަދި ނިލަންދޫ ވޮލީޓީމެވެ. އަދި އަންހެން ޓީމްތަކަކީ ސީ ކުއީންސް، ގެމަނަފުށީ ވޮލީ ކުލަބު، ކަނޑުހުޅުދޫ ވޮލީޓީމް، އިގްނައިޓް ޖޫނިއާސް، ހުޓިކޮޑާ ކަނބަލުންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމްއަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.

