ސައިނަސްއަކީ ނޭފަތާއި އޭގެ ވަށައިގެންވާ ވައިކޮތަޅުތަކުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށްތަކުގައި އިންފެކްޝަން އަށަގަނެ ދުޅަވުމެވެ. މިއީ ވަރަށް ގިނަ ބަޔަކަށް ދިމާވާ އާންމު މައްސަލައެކެވެ. ނަމަވެސް، މިކަމުގެ އުނދަގުލުން ސަލާމަތްވުމަށް ގޭގައި ކުރެވިދާނެ ގިނަ ކަންތައްތަކެއް ވެއެވެ.
އާވި އެރުވުމާއި ނޭފަތް ސާފުކުރުމަށް ހާއްސަ ސަަމާލުކަމެއްދޭން ވާނެއެވެ. ސައިނަސްގެ އުނދަގުލަށް އެންމެ ފަސޭހައިން ލުޔެއް ހޯދޭނެ ގޮތްތަކުގެ ތެރޭގައި އާވި އެރުވުން ހިމެނެއެވެ. ހޫނު ފެނުގެ އާވި 10-15 މިނެޓް ވަންދެން ނޭވާލުމުން ނޭފަތް ބެދިފައި ހުރުން ލުއިވެ، ނޭވާލަން ފަސޭހަވެއެވެ. މީގެ އިތުރުން ލޮނުފެން ބޭނުންކޮށްގެން ނޭފަތް ދޮވެ ސާފުކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
ސައިނަސްގެ އުނދަގުލަށް ގުދުރަތީ ފަރުވާ ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ލުނބޯ، މާމުއި އަދި އެހެނިހެން ތާޒާ މޭވާތަކުގެ ޖޫސް ގިނައިން ބުއިމުން ލުޔެއް ލިބެއެވެ. އަދި ލެވެންޑާ، އިކެލިޕްޓަސް ނުވަތަ އާވި އަރާފަދަ ތެޔޮ ބޭނުން ކޮށްގެން ބޯ މަސާޖްކުރުމުން ބޮލުގެ ރިހުމަށް ލުޔެއް ލިބިދެއެވެ.
ކެއުމުގެ ވައްޓަފާޅި ބަދަލުކުރުން ވެސް މުހިންމެވެ. ސައިނަސްގެ އުނދަގުލުން އަވަހަށް ސަލާމަތްވުމަށް ކާނާގެ ބާވަތްތައް ބަދަލުކުރުމަކީ މުހިންމު ކަމެކެވެ. ގިނަ އަދަދަކަށް މޭވާއާއި ތަރުކާރީ ކެއުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ، ސައިނަސްގެ އުނދަގުލުން އަވަހަށް ސަލާމަތްވެވެއެވެ. ކާނާ ހޫނުކަންމަތީ ތާޒާކޮށް ކެއުމާއި ޚާއްޞަކޮށް އަސޭމިރުސް އެކުލެވޭ ކާނާ ބޭނުންކުރުމުން ނޭފަތުގެ ތެރޭގައި ޖަމާވެފައިވާ އަރިދަފުސް ރޯގާ އަވަހަށް ފައިބާ ގޮތްވެއެވެ. އަދި ނޭފަތުގެ ތެރެ ސާފު ކޮށްލުމަށް ފަސޭހަވެދެއެވެ.
ހަމައެހެންމެ ހޫނު ފެންތަށްޓަކަށް ލުނބޯ، އިނގުރު، މާމުއި، އެއްކޮށްގެން ބުއިމަކީވެސް ވަަރަށް ބޮޑު ލުއެއް ލިބޭނެ ކަމެކެވެ.
ބޯ އުސްކޮށް ބާއްވައިގެން ނިދުމާއި، ހިއުމިޑިފަޔަރ ބޭނުންކުރުމަކީވެސް ސައިނަސްގެ އުނދަގުލަށް ލުޔެއް ލިބޭނެ ގޮތްތަކެވެ. އަދި ހަށިގަނޑަށް ބޭނުންވާ މިންވަރަށް އަރާމު ލިބޭގޮތަށް ނިދުމާއި، ގިނަ އަދަދަކަށް ފެން ބުއިމަކީވެސް މުހިންމު ކަމެކެވެ.
ސައިނަސްގެ އަލާމާތްތައް ގިނަ ދުވަސްތަކަކަށް ދެމިގެން ދާނަމަ، ނުވަތަ ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ފަދަ އެހެން އަލާމާތްތަކެއް ފެނިއްޖެނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ. އަދި އަމިއްލައަށް ބޭސް ބޭނުންކުރުމުގެ ބަދަލުގައި ޑޮކްޓަރެއްގެ ލަފާގެ މަތިން ބޭސް ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.


