ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، 50 މޭލަަށް ވައި ގަދަވާނެ ކަަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މިއަދު ހެނދުނުން 7:30 ފެށިގެން މެންދުރުފަހު 13:30 އާއި ހަމައަށް ރީނދޫ ސަމާލު ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން ކ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ.
މި ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދު ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.
ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް، ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދަށް ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން ގަދައަށް ވައިޖެހޭނެ ކަމަށް ލަފާކޮށް އއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ.

