ދިވެހި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އިރު ދިވެހި އުދަރެހުން ރިހި ދޯދި ތަކާއެކު ޢަލީ ވިރިގެން ދިޔައީ މުޅި ރާއްޖެ ހިނިތުން ކުރުވަމުންނެވެ. ދިވެހި ރާއްޖޭގެ މައި ދޮރޯށީގެ އައު ގިމަތަ ބައިނަލްއަޤްވާމީ ފެންވަރުގަ އެންމެ މަތީ ސަފުގައި ގުނާލެވޭ ފެންވަރުގައި ރަސްމީކޮށް ހުޅުވައި ތާރީޚްގެ އެތައް ފޮޅުވަތެއް ރަން އަކުރުން ލިޔުމުން ނެވެ. ހަމަ އެހެންމެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެތައް ކަމެއް އަތޮޅު ފެންވަރާއި ރަށު ފެންވަރުގައި ދިޔައީ ފާހަގަ ކުރަމުންނެވެ.
އެގޮތުން 26 ޖުލައި 2025 ދުވަހު ހަވީރު ގދ އަތޮޅު ކައުންސިލުން ތިނަދޫ ސިޓީގައި ހުވަދު ދެކުނުބުރިއަށް އަމާޒު ކޮށްގެން ފެށި 16 އަހަރުން ދަށު ފިރިހެން ކުދިންގެ ފުޓްސަލް މުބާރާތަކީ މުޅި ހުވަދު އަތޮޅަށް ވަރަށް ތާރީޚީ މުބާރާތެކެވެ. މިިމުބާރާތުގައި ގދ.އަތޮޅުގެ 9 ރަށުގެ ތެރެއިން 8 ރަށަކުން ޓީމު ބައިވެރި ވެފައިވާއިރު، މިމުބާރާތް ވެގެން ދަނީ ވަޅު ޖެހެމުންދާ ފުޓްބޯޅައިގެ ކުރި މަގަށް، މުޅި އަތޮޅު ފަށާ އާ ދަތުރަކަށް ވެސް މެއެވެ.
ގދ އަތޮޅު ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ ގެ މޭސްތިރި ކަމުގެ ދަށުން އަތޮޅު ކައުންސިލްގެ އެންމެހާ މެނބަރުންގެ ފުރިހަމަ އެއްބާރުލުމާއި ދުރު ވިސްނުމުގެ މަގު ޗާޓުގެ އަލީގައި ހުރިހާކަމެއް ރޭވި މިހާތަނަށް މިފަދަ ނުބާއްވާ ފެންވަރުގައި ކުރިޔަށްދާ މުބާރާތް ފާހަގަ ކުރެވޭ މުހިއްމު އަނެއް ކަމަކީ މިއީ އަތޮޅުގެ ރަށް ރަމްޒު ކުރެވޭ ގޮތަށް މި އުމުރުފުރާއަށް ވާދަ ކުރެވޭ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު މުބާރާތަށް ވާކަމެވެ.
މުބާރާތަށް ތައްޔާރު ވުން
"ގދ އަތޮޅު ކައުންސިލް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025" އިޢުލާން ކުރުމާއެކު ކުޅިވަރުގެ ރޫޙީ ވިންދުޖަހައި އެންމެ ފުރަތަމަ އާނ ބަސް ބުނި ބަޔަކީ އަތޮޅުގެ ކައުންސިލް ތަކެވެ. ރަށު ކައުންސިލް ރައީސްގެ އިސްނެގުމާއި އެކު އެރަށެއްގެ މުޅި ކައުންސިލާއި ޖަމްޢިއްޔާ ޖަމާއަތްތަކާ ސުކޫލާއި މުއައްސަސާ ތަކައި ބެލެނިވެރިންނެވެ. އަދި ހަމަ އެހެންމެ އެރަށެއްގެ ފުޓުބޯޅަ އާއިލާއެވެ. ޒުވާނުންނެވެ. ކޮންމެ ރަށަކުން ފެނިގެން ދިޔައީ ކުޅިވަރުގެ ރޫޙާއި ޤައުމީ އަދި ވަތަނީ ޖޯޝެކެވެ. ނަތީޖާ އަކަށްވީ މުބާރާތުގެ ސުންގަޑިއަށް އައިއިރު ހުރިހާ ޓީމެއް ވެސް ރަނގަޅު ފެންވަރަކަށް ތައްޔާރުވެ ރަށަށް ރީތި ނަން ހޯދުމަށް ފިސާރި ރަނގަޅަށް އަތާއަތް ގުޅައި ކަމަރު ބަންދުވުމެވެ. އެރަށެއްގެ ކައުންސިލުން ޓީމަށް އެއްވެސްކަމެއް ދަތި ވިޔަނުދީ ހިފެހެއްޓުމަކީ މި ނަތީޖާއަށް ވާސިލުވުގެ އެންމެ ބޮޑު އަސްލުކަމުގައި ފާހަގަ ކޮށްލަން ޖެހެއެވެ.
މުބާރާތުގެ އެކްސްކުލޫސިވް ޕާޓްނަރއަކަށް މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަނުން ދެވި ފުރިހަމަ އެއްބާރުލުމާއި މަދަދުވެރިކަމަކީ މިބާވަތުގެ ތިނަދޫ ސިޓީގައި މީގެ އަހަރު ތަކެއް ކުރިން ހަދަން ފަށައިފައިވާ ޓާފް ދަނޑުގައި ނުނިމި ހުރި އެތައް ކަމެއް ނިންމާ ދުވާލާ ރޭގަނޑުވެސް އެއްވެސްކަމެއް ދަތި ނުވާހެން ކުރިޔަށް ގެންދެވޭ ފެންވަރުގައި ނިމި ކުލަގަދަ ރަސްމިއްޔާތަކާއެކު ފެށުމުގެ މައި ހިއްސާއެވެ.
މުބާރާތަށް ދެކުނު އަވަށު ޓާފް ސްޓޭޑިއްމް ތައްޔާރު ކުރި މަންޒަރު ގާތުން ދުއް މީހެއްގެ ހައިސިއްޔަތުން ދަންނަވާނަމަ އަޅުގަނޑު ބުނާނީ މުބާރާތުގެ ކޯ-ޕާޓްނަރ ތިނަދޫ ސްޓޭޑިއަމްގެ ސްޓާފުންނާ އެތަނުގެ ސިޔާސީ އިސްވެރިން އެކުލެވޭހެން ކުރި މަސައްކަތަކީ އެމީހުން އަބަދުވެސް ފެންނަ "މޯޓިވޭޝަން ގައި" ސެލިއުޓް ޙައްޤު ބައެކެވެ. ވާން ޖެހޭ އެއްވެސް ތައްޔާރީ އެއް ސަމާސާއަކަށް ވެސް ދޫކޮށްފައި ނުވެއެވެ.
މުބާރާތަށް ވަމުން ދިޔަ ތައްޔާރީގައި އަތޮޅު ކައުންސިލަށް ދެމުން ދިޔަ ފުރިހަމަ އެއްބާރުލުމުގައި ސްޓޭޑިއަމްގެ ޓީމުގެ ފަހަތުގައި ރޭ ދުވާލަށް ބެލުމެއް ނެތި މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރު އާރުޑީސީ އާއި ޕަބްލިކްވަރކސް އަކީ މިފަދަ ރިޕޯޓަކުން އުނިކޮށްނުލެވޭނެ ދެ މުއައްސަސާއެވެ.
މުބާރާތުގައި ބައިވެރިވިއަށް ޓީމު 2 ގުރޫޕަކަށް ބަހާލައިގެން އަދި ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށް ކުރިޔަށް ދާ މި މުބާރާތުގެ ޓީމުތަކަށް މަރުހަބާ ކިޔުމުގައި އެހެނިހެން އެއްބާރުލުން ތަކުގައިމުބާރާތުގެ އެސޯސިއޭޓް ޕާޓްނަރު ތިނަދޫ ސިޓީ ކައުންސިލްގެ ދައުރު ވަރަށް ފުރިހަމަ ކަން ފާހަގަ ކުރެވޭއިރު މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރު ހުވަދޫ ރެކްރިއޭޝަން ، ހަވަރު ސްޕޯޓްސް، ކުލަބު ދަޑެކޮޑެއަންސް، ތިނަދޫ ސިޓީ އެފްސީ ގެ އިތުރުން އެމްޓީސީސީ ވަނީ ހަމަޖައްސާފައެެވެ.
މީގެ އިތުރުން މުބާރާތުގެ ސެކިއުރިޓީ ޕާޓްނަރަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އެވެ.ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު، މެޑިކަލް ޕާޓްނަރަކީ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.
ބެވަރެޖް ޕާޓްނަރުންގެ ގޮތުގައި ހެޕީ މާކެޓް އަދި ހަތްތެރި ކެފޭ މުހިންމުދައުރެއްއަދާ ކުރަމުންދާއިރު، ރިފްރެޝްމެންޓް ޕާޓްނަރ ވިމެން އެމްޕަވަމެންޓް އެސޯސިއޭޝަން އޮފް ތިނަދޫ )ވީޓް ކުޅޭ ރޯލު ވަކި ކުޑައެއް ނޫނެވެ. ޕްރިންޓިންގ ޕާޓްނަރަކަށް ނޯވަޓެކް، އެންޓަޓެއިނިންގ ޕާޓްނަރަ ރައްފުށު ބޮޑުބެރު ގުރޫޕުން މުޅި މުބާރާތެއް އިތުރު ދިރުމެއް ގެނެސްދެމުން ދާއިރު މުބާރާތުގެ ލައިވް ކަވަރޭޖް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެ ސާބިތު ކޮށްދެނީ އެފަދަ ދެވަނައެއް ފަދަ ފުރިހަމަ ކަމެކެވެ.
މި މުބާރާތް ލައިވް ކޮށް ބަލާމީހުންގެ އަދަދަށް ބެލުމުން އެޙަޤީޤަތް ސާބިތުވެއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އިން މުބާރާތުގެ ޚަބަރު ތައް ފުރިހަމައަށް ގެނެސްދެމުން ދާއިރު މި ތާރީޚީމުބާރާތުގެ އެންމެ އިސް އިދާރާ ގދ އަތޮޅު ކައުންސިލް ފޮޓޯ އަދި މުބާރާތުގެ އަދާހަމަ ކަވަރޭޖް ވަރަށް ފުރިހަމަ ކަމާމެދު އިތުރަށް ބުނާނެ ބަހެއް ނެތެވެ.

އިޖުމާލީ ކޮށް ބަލާއިރު މި މުބާރާތް ކާމިޔާބު ކަމާއެކީ ނިމިގެން ދަނީ ތިނަދޫ ސިޓީގެ މުޅި ރައްޔިތުންގެ ރޫޙާއި ޖޯޝުން ކަމުގައި ބުނުމަކީ ދެބަސް ވެވޭނެ ކަމެއް ނޫނެވެ.
ކޮންމެ މުއައްސަސާ އަކީ ވެސް ވަރަށް މުހިންމު ދައުރެއް އަދާ ކުރަމުންދާ ބައެކެވެ.
ގދ އަތޮޅު ކައުންސިލް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025″ ފައިނަލް މިއަދު
މިހާރު ތިނަދޫ ސިޓީގައި ކުރިއަށްދާ "ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025" ގެ ފައިނަލުގައި މިއަދު ހަވީރު ތިނަދޫ ސިޓީ ޓާފް ސްޓޭޑިއަމްގައި ކުޅޭނެ އެވެ. ބައްދަލު ކުރާނީ ތިނަދޫ ސިޓީ އާއި ފިޔޯރީ އެވެ. 2 ރަށަކީ ވެސް ކުޅިވަރުގައި ވަރަށް ފާހަގަ ކޮށްލެވޭ ދެ ރަށެވެ. ވާދަވެރި މި މެޗަށް ދެޓީމުން ވެސް ވަނީ ވަރަށް ރަނގަޅަށް ތައްޔާރު ވެފައެވެ.
ފިޔޯރީ ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި 4-2 ގެ ނަތީޖާއަކުން ފަރެސްމާތޮޑާ ބަލިކުރުމަށްފަހު އެވެ. ތިނަދޫ ސިޓީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލް ފުރަތަަމަ މެޗުގައި 4-1 ގެ ނަތީޖާއަކުން ހޯޑެއްދޫ ބަލިކުރުމަށްފަހު އެވެ.
ގުރޫޕް ސްޓޭޖުގައި ތިނަދޫ އަތުން ބަލިވި ނަމަވެސް ފިޔޯރީ އޮތީ ފައިނަލް މެޗުގައި ތިނަދޫ ބަލިކޮށް މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައެވެ. އަދި ތިނަދޫ ސިޓީ އޮތީ ތާރީޚީ ތަށި ރަށު ފަސްގަނޑުގައި ބެހެއްޓުމުގެ ޖޯޝުގައެވެ. ދެރަށު ރައްޔިތުން ވެސް ތިބާ ފިސާރި ރޫޙުގައި އެ އަޒުމުގައެވެ.
"ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025" މިއަދު ނިމިގެން ދާއިރު މުޅި ރާއްޖޭގެ ސަމާލުކަން މި މުބާރާތަށް ވަނީ ލިބިފައެވެ. ގިނަ ބަޔަކު އެ ވާހަކަ އެބަ ދައްކައެވެ. ގދ އަތޮޅު ކައުންސިލުން މި ދައުރުގައި ތިނަދޫގައި ކުރިޔަށް ގެންދިޔަ އެތުލެޓިކްސް މުބާރާތް ވެސް ވެގެން ދިޔައީ މުޅި ރާއްޖެ ސިއްސުވާލި މުބާރާތަކަށެވެ.
ގދ ފިޔޯރީގައި ބޭއްވި 2 ވޮލީ މުބާރާތް ވެސް ހަމަ އެފަދައެވެ. މި މުބާރާތް ވެސް ވެގެން މިދަނީ ކުޅިވަރަށް ހުޅުވާލި ތާރީޚީ ދޮރެއްގެ އިތުރުން ހުވަދު އަތޮޅުގެ ފުޓްބޯޅައަށް، ފުޓުސަލްއަށް ކޮށާލެވޭ އައު މަގަކަށެވެ.









