ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީގެ މެމްބަރުކަމުން ބާރަށު ދާއިރާގެ މެމްބަރ އިބްރާހިމް ޝުޖާއު ވަކިކޮށްފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ފައްޓަވަމުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވީ ދައުލަތުގެ ކުންފުނިތަކުގެ ކަންކަން ބަލަން މަޖިލިހުގައި އޮންނަ އެސްއޯއީ ކޮމިޓީ އަށް ޕީއެންސީން އައްޔަންކޮށްފައިވާ ޝުޖާއުގެ ބަދަލުގައި އެހެން ބޭފުޅަކު ހަމަޖައްސާފައިވާ ކަމަށެވެ.
ޝުޖާއުގެ ބަދަލުގައި އެ ކޮމިޓީ އަށް ހަމަޖެއްސީ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރުއެވެ.
އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ނެރެފައިވާ ރިޕޯޓަކާ ގުޅޭ މައްސަލައެއް ފުލުހުން ބަލަމުންދަނިކޮށް ޝުޖާއު ރައްޔިތުންގެ މަޖިލީހުންގެ މާލިއްޔަތު ކޮމިޓީން ވެސް އިއްޔެ ވަނީ ވަކޮށްފައެވެ.
ޝުޖާއުގެ މައްސަލަތަކެއް ތަހުގީގު ކުރީ މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެފްއައިޔޫގެ ރިޕޯޓުގައިވާ ގޮތުން ޝުޖާއުގެ އޮފިޝަލް އިވެންޓްސް ހިމެނޭހެން ޝުޖާއުއާއި ގުޅުންހުންނަ ކަމަށް ބުނެފައިވާ ސްވޯން ފެމިލީ އާއި ސްޓޯ ޕްރޯސް ޓްރޭޑިން އާއި ކުއިކް ޝުއާ އަދި ޑީކިއު ހޯލްޑިންސް ކޮށްފައިވާ މުއާމަލާތްތަކެއް ހިމަނާފައިވެއެވެ.

