މި އަހަރުގެ ޖޫން މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 88 މައްސަލައެއް ހުށަހެޅިފައިވެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 27 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 06 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 21 މައްސަލައެކެވެ.
ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވާ މައްސަލައަކީ ޖިސްމާނީ ހާނިއްކައިގެ މައްސަލައެވެ. އެގޮތުން، މި ބާވަތުވެ 18 މައްސަލައެއް ވަނީ ޖޫން މަހު މި ވުޒާރާއަށް ހުށަހެޅިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 12 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 06 މައްސަލައެކެވެ.
އޭގެ އިތުރުން، މީގެ ތެރޭގައި އިހުމާލުވުމުގެ 13 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 08 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 07 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 06 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ 04 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 02 މައްސަލަ، ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 01 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 01 މައްސަލަ އަދި ކުޑަކުދިންނަށް ޖިންސީ “ގްރޫމިންގް” ކުރުމުގެ 01 މައްސަލަ ހިމެނެއެވެ.

