ޅ. ނައިފަރުން 15 އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ޅ. ނައިފަރު ސީނިޔާގެ، އުމުރުން 15 އަހަރުގެ ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް، ކަމަށެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މައިސަރާ ގެއިން ނުކުމެގެން ގޮސްފައިވަނީ އޮގަސްޓު 2 ވަނަ ދުވަހުގެ ހެނދުނު 10:25 އެހައިކަށްހާއިރުއެވެ. އޭނާ ގެއިން ނުކުތް ފަހުން އާއިލާއަށް އެއްވެސް ޚަބަރެއް ލިބިފައެއް ނުވެއެވެ. އަދި އޭރު ލައިގެންހުރީ އަތްކުރު ވިލުނޫކުލައިގެ ޓީޝާޓަކާއި ފެހިކުލައިގެ (ސައިޑްޕޮކެޓް ޓްރެކް ބޮޓަމް) ހަރުވާޅެއް ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
މައިސަރާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ނުވަތަ ފެނިއްޖެނަމަ ނައިފަރު ޕޮލިސް ސްޓޭޝަން ނަންބަރު 9792187 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

