އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އުއްތަމަފަނޑިޔާރުކަމުގެ މަގާމުން ކުރިން ހުންނެވި މުއުތަސިމް އަދުނާން އެ މަގާމުން ރިޓަޔާކުރެއްވުމާ ގުޅިގެން މަގާމު ހުސްވުމުން އުއްތަމަފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި ތިން ބޭފުޅަކު ކުރިމަތިލެއްވިއެވެ.
އެއީ ޣަނީގެ އިތުރުން ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދެވެ.
އެ ތިން ބޭފުޅުންގެ ތެރެއިން ޣަނީ އެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާއެރުވުމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަަނުން ނިންމިއެވެ.
ޣަނީއަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން މިއަދު މަޖިލީހުގައި ނެގި ވޯޓުގައި އުއްތަމަ ފަނޑިޔާރަށް ޣަނީ އައްޔަންކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާގުންނެވެ.
ޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް މަދަނީ ކޯޓުގެ ގާޒީކަން ކުރެއްވުމަށްފަހު 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ޖޭއެސްސީގެ ރައީސްކަމާއި ހައި ކޯޓުގެ އިސް ފަނޑިޔާރުކަން އޭނާ ކުރެއްވިއެވެ.

