ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން ޓެގް އަޅުވައި ދޫކޮށްލުމަށް 252 މީހުން ހުށައަޅާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ވާނުވާ ބަންދުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅުތަކުގެ ތެރެއިން އެއް ވައުދެވެ.
ޕީޖީ އޮފީހުގެ ތަފާސް ހިސާބުތަކުން މީހާތަނަށް ބަންދުން ދޫކުރުމަށް 252 މީހުން އެދިފައިވާއިރު، މީގެ ތެރެއިން 10 މީހަކު ވަނީ ދޫކޮށްލާފައެވެ. އަދި 149 މީހެއްގެ އެސެސްމެންޓް ހެދުމަށް ފޮނުވާފައިވާކަމަށް ޕީޖީން ވަނީ ބުނެފައެވެ.
އެސެސްމެންޓް ފުރިހަމަކުރި މީހުންގެ ތެރެއިން 1 މެދު ގޮތެއް އަދި ނިންމާފައި ނުވާއިރު، 83 މީހުން ޝަރުތު ހަމަނުވާކަމަށް ވެސް ވަނީ ޕީޖީން ކަނޑައަޅާފައެވެ. އަދި 9 މީހެއްގެ ފޯމު ލިބި އެސެސްމެންޓަށް ފޮނުވުމުގެ މަރުހަލާގައިވާކަމަށް ވަނީ ޕީޖީން ވަނީ ބުނެފައެވެ.
ވާނުވާ ބަންދަކީ، ތަޙުގީގު ކުރިއަށްދާއިރު މީހާގެ ފަރާތުން މުޖުތަމަޢަށް ލިބިދާނެ ގެއްލުމަކަށާއި، ހެއްކަށް ނުފޫޒު ފޯރުވުމާއި އަދި ތަޙުޤީހަށް ފިލާފާނެތީ ބަހައްޓާ ބެހެއްޓުމެކެވެ.

