އެމެރިކާގެ އޯހައިއޯ ސްޓޭޓުގެ ދެމަފިރިއަކަށް މިދިޔަ ހަފުތާގައި ލިބުނު ފިރިހެން ކުއްޖަކީ، 30 އަހަރަށް ވުރެ ގިނަ ދުވަހު ގަނޑުކޮށްފައި އޮތް ބިހަކުން އުފެދިފައިވާ ކުއްޖާ، އެންމެ ގިނަދުވަަސްވީ ކުޑަކުއްޖާގެ ރެކޯޑު މުގުރާލައިފިއެވެ. މިއީ މިހާތަނަށް ގަނޑުކޮށްފައި ބެހެއްޓި ބިހަކުން ކުއްޖަކު އުފަންވި އެންމެ ދިގު މުއްދަތުގެ ރެކޯޑު ކަމަށް ވެ އެވެ.
ލިންޑްސޭ އަދި ޓިމް ޕިއަރސް ކިޔާ މި ދެމަފިރިންނަކީ، އެތައް އަހަރެއް ވަންދެން ދަރިއަކު ނުލިބި އުޅުމަށްފަހު، 1994 ވަނަ އަހަރު ހަދިޔާ ކުރެވިފައިވާ ބިހެއް ބޭނުން ކޮށްގެން ކުއްޖަކު ހޯދަން މަސައްކަތް ކުރި ދެމަފިރިންނެވެ. މި މަސައްކަތަށް "އެމްބްރިއޯ އެޑޮޕްޝަން" ނުވަތަ "ބިސް ދަރިއަކަށް ބަލައިގެން ބެލެހެއްޓުން" ކިޔަ އެވެ. އެމީހުންގެ ދަރިފުޅު މިދިޔަ ހޮނިހިރު ދުވަހު ދުނިޔެއަށް އުފަންވިއިރު، އެ ބިސް 11,148 ދުވަހު (ގާތްގަނޑަކަށް 30 އަހަރާއި 6 މަސް) ވަންދެން ވަނީ ގަނޑުކޮށްފައި ބަހައްޓާފަ އެވެ. ޕިއަރސް ދެމަފިރިންގެ ޑޮކްޓަރު ވިދާޅުވީ، މިއީ ގަނޑުކޮށްފައި ބެހެއްޓިފައިވާ ބިހަކުން ކުއްޖަކު އުފަންވި އެންމެ ދިގު މުއްދަތުގެ ރެކޯޑު ކަމަށެވެ. މީގެ ކުރިން މި ރެކޯޑު އޮތީ 30 އަހަރަށް ގަނޑުކުރެވިފައި އޮތް ބިހަކުން ލިބުނު ލިޑިޔާ އަދި ޓިމޮތީ ރިޖްވޭ ކިޔާ ދެ ކުދިންގެ އަތުގަ އެވެ.
މިފަދަ ކޮންސެޕްޓެއް، ނުވަތަ ގަނޑުކޮށްފައިވާ ބިސް އެހެން ފަރާތްތަކަށް ދިނުމުގެ އުސޫލު 1990ގެ އަހަރުތަކުން ފެށިގެން އޮތް ނަމަވެސް، މިހާރު ދަނީ އިތުރަށް މަގުބޫލު ވަމުންނެވެ. އެއީ، ގިނަ ފަރާތްތަކުން، ހާއްސަކޮށް ނަސާރާ ދީނަށް ތަބާވާ ފަރާތްތަކުން، ބިސް ނައްތާލުމާ ދެކޮޅު ހަދާތީ އެވެ. އެމީހުން ދެކޭ ގޮތުގައި، ދިރިއުޅުން ފަށަނީ ބިސް އުފެދޭ ހިސާބުން ކަމަށާއި، ކޮންމެ ބިހެއް ވެސް ގެއެއް ބޭނުންވާ ދަރިންނެކޭ އެއްފަދައިން ބެލެހެއްޓުން ހައްގުވެފައިވާ ކަމަށެވެ.
ޕިއަރސް ދެމަފިރިންނަށް އެމީހުންގެ ބިސް ހަދިޔާކުރީ 62 އަހަރުގެ ލިންޑާ އާޗާޑް ކިޔާމީހެކެވެ. އާޗާޑް ވިދާޅުވީ، 1994 ވަނަ އަހަރު އޭނާ IVF އަށް ބިސް ގަނޑުކުރި އިރު، އެތައް ބިހެއް އުފެއްދުމުގެ ފުރުސަތު ލިބި، ކުދިން ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އޭނާއަށް ހަތަރު ބިސް ލިބި، ކުރީގައި އެ ހުރިހާ ބިހެއް ވެސް ބޭނުންކުރުމަށް އުންމީދު ކުރި ނަމަވެސް، ދަރިއަކު ލިބުމަށްފަހު ފިރިމީހާއާ ވަރިވުމާ ގުޅިގެން، އިތުރު ކުދިން ހޯދުމުގެ މަސައްކަތް ހުއްޓުނެވެ. އަހަރުތައް ދިގުދެމިގެން ދިޔަ ވަރަކަށް ބިސްތައް ބެހެއްޓުމަށް ދައްކަންޖެހޭ ފީ އިތުރުވެ، އެ ބިސްތަކާމެދު ކަންތައް ކުރާނެ ގޮތަކާމެދު އޭނާ ހާސްވެ، ކަންބޮޑުވެފައި ހުރި ކަމަށް ވިދާޅުވި އެވެ.
ފަހުން، އާޗާޑް އަށް "ސްނޯފްލޭކްސް" ކިޔާ ޖަމިއްޔާއެއްގެ ހަބަރު ލިބުނެވެ. މިއީ "ނައިޓްލައިޓް ކްރިސްޓިއަން އެޑޮޕްޝަންސް" ގެ ބަޔެކެވެ. މި ޖަމިއްޔާއިން ޑޯނަރުންނަށް ކުއްޖާއާ ގުޅުން ބޭއްވުމުގެ ފުރުސަތު ދިނުމުން، އާޗާޑް ބިސް ހަދިޔާކުރަން ނިންމީ އެވެ. އޭނާ ވިދާޅުވީ، ކުއްޖާގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ވުމަށް ބޭނުންވި ކަމަށާއި، ބިސް "ދަރި"އަކަށް ހަދިޔާކުރި (މާނައަކީ އެބިސް ދަރިއަކަށް ވުމުގެފުރުސަތު ދިންވާހަކަ) ފަރާތްތަކާ ބައްދަލު ކުރުމަށް ބޭނުންވި ކަމަށެވެ.
މިކަން ކުރުމަށްޓަކައި އާޗާޑް އޭނާގެ ފުރަތަމަ ފަރޓިލިޓީ ޑޮކްޓަރަށް އޮރެގަން އިން ގުޅައި، ހަދިޔާ ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދަން މަސައްކަތްކުރަން ޖެހުނެވެ. އެއަށްފަހު، އެ ބިސްތައް އޮރެގަން އިން ޓެނެސީގައި ހުންނަ ޕިއަރސް ދެމަފިރިންގެ ޑޮކްޓަރުގެ ކްލިނިކަށް ފޮނުވަން ޖެހުނެވެ. ޓެނެސީގެ ނޮކްސްވިލްގައި ހުންނަ "ރިޖޮއިސް ފަރޓިލިޓީ" ކްލިނިކަކީ ގަނޑުކޮށްފައި ހުންނަ ބިސްތައް ނައްތާލުމަށް ދެކޮޅު ހަދާ ކްލިނިކެކެވެ. އަދި މި ކްލިނިކް މަޝްހޫރުވެފައިވަނީ ވަރަށް ކުރީގެ، ގަނޑުކޮށްފައި ހުންނަ ބިސްތައް ވެސް ރައްކާތެރިކަމާއެކު ބޭނުންކުރާތީ އެވެ.
އާޗާޑް ހަދިޔާކުރި ތިން ބިހުގެ ތެރެއިން އެއް ބިސް ދިޔައީ ފަހި ނުވެ އެވެ. ދެ ބިސް ލިންޑްސޭ ޕިއަރސްގެ ރަހިމަށް ބަދަލުކުރި ނަމަވެސް، އޭގެ ތެރެއިން ކާމިޔާބުވީ އެންމެ ބިހެކެވެ. ޑރ. ޖޯން ޑޭވިޑް ގޯޑަން ވިދާޅުވީ، ގާތްގަނޑަކަށް 31 އަހަރުވީ ބިހަކުން ކުއްޖަކު ލިބުމަކީ، ގަނޑުކޮށްފައި އޮތް ބިހަކުން ލިބުނު އެންމެ ދިގު މުއްދަތުގެ ރެކޯޑު ކަމަށެވެ. ގޯޑަން ވިދާޅުވީ، މީގެ ކުރީގެ ރެކޯޑުވެސް އޭނާގެ ކްލިނިކުން ހަދިޔާކުރި ބިހަކުން ލިބުނު ކުދިން ކަމަށެވެ.
އެމެރިކާގައި ދުނިޔެއަށް އުފަންވާ ކުދިންގެ ތެރެއިން ގާތްގަނޑަކަށް 2 އިންސައްތަ ކުދިންނަކީ އިން ވިޓްރޯ ފަރޓިލައިޒޭޝަން (IVF) އަށް ފަހު ލިބޭ ކުދިންނެވެ. އަދި އޭގެއިން ވެސް ވަރަށް ކުޑަ އިންސައްތައެއްގައި ހިމެނެނީ ހަދިޔާކުރެވިފައިވާ ބިސްތަކެވެ. އެހެންނަމަވެސް، ޑޮކްޓަރުންގެ އަންދާޒާކުރާ ގޮތުގައި، އެމެރިކާގައި މިހާރު ގާތްގަނޑަކަށް 1.5 މިލިއަން ގަނޑުކުރެވިފައިވާ ބިސް ބަހައްޓާފައި ހުރި ކަމަށާއި، އޭގެ ތެރެއިން ގިނަ އަދަދެއްގެ ބިސްތަކުގެ މުސްތަގުބަލާމެދު އޭގެ ވެރިން ވަނީ ވަކިގޮތެއް އަދި ނިންމާފައެއް ނުވެއެވެ. މީގެ އިތުރަށް، 2024 ވަނަ އަހަރު އަލަބާމާގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމެއްގައި ބުނެފައިވަނީ ގަނޑުކުރެވިފައިވާ ބިސްތަކަކީ ކުދިންގެ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ތަކެތި ކަމަށެވެ. މިކަމުގެ ސަބަބުން ކްލިނިކްތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ދައުލަތުގެ އިސްވެރިން މަސައްކަތް ކުރި ނަމަވެސް، ބާކީ ހުރި ބިސްތަކާމެދު އަދިވެސް ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.
ލިންޑްސޭ އަދި ޓިމް ޕިއަރސް ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކްލިނިކްގެ އެހީތެރިކަމަކީ އެމީހުންނަށް ބޭނުންވެފައިވާ ކަމެއް ކަމަށެވެ. ލިންޑްސޭ ޕިއަރސް ބުނީ، "އަހަރެމެން މިކަމުގެ ތެރެއަށް ވަނީ އަދި މިކަން ކުރީ ރެކޯޑެއް މުގުރާލުމުގެ ނުވަތަ މަޝްހޫރު ވާކަށް ނޫނެވެ. އެފަދަ ނިޔަތެއްވެސް އަދި ބޭނުމެއްވެސް ނެތެވެ. އަހަރެމެން ބޭނުންވީ ހަމައެކަނި ދަރިއެކެވެ."
އާޗާޑް އަށް ބިސް ހަދިޔާކުރުމުގެ މި މަސައްކަތަކީ ވަރަށް ގިނަ އިހުސާސްތަކެއް ކުރިމަތިވި ކަމެކެވެ. އޭނާގެ ބިސްތަކަށް(ބޭބީންނަށް) ގެއެއް ލިބުމުން އެކަމުގެ އުފަލުގައި ހަމަޖެހުމެއް ލިބުނު ކަމަށް ބުނި ނަމަވެސް، އެކަން އޭނާއަށް އެކުއްޖާއާއެކު ނުހުރެވުނު ކަމާމެދު ދެރަވެއެވެ. ހަމައެހެންމެ ކުރިމަގާމެދު، އާދެ، ޕިއަރސް ދެމަފިރިންނާއި ކުއްޖާއާ ބައްދަލުވުމުން ވާނެގޮތެއްގެ ކަންބޮޑުވުން ވެސް އެބަ ހުއްޓެވެ.
އާޗާޑް ބުންޏެވެ، "އެމީހުން އަހަންނަށް ފޮޓޯ ފޮނުވާނެ ކަމަށް އުންމީދު ކުރަމެވެ. ކުއްޖާ ލިބުނު ފަހުން ވެސް އެމީހުން ވަނީ ގިނަ ފޮޓޯތައް ފޮނުވާފަ އެވެ. ކޮންމެވެސް ދުވަހަކުން އެމީހުންނާ ކުއްޖާއާ ބައްދަލުކުރުމަކީ އަހަރެންގެ ވަރަށް ބޮޑު އުއްމީދެކެވެ، އަދި ދެކޭ ހުވަފެނެކެވެ."

