ގއ ގެމަނަފުށީގައި މިހާރު ކުރިއަށްދާ ކައުންސިލް ވޮލީ މުބާރާތުގެ ފައިނަލަށް ގއ ނިލަންދޫ ކައުންސިލް ވޮލީ ޓީމް ދަތުރުކޮށްފިއެވެ.
ގއ ގެމަނަފުށި ރަސްމީ ވޮލީ ކޯޓުގައި ކުރިއަށްދިޔަ ފޯރިގަދަ މި މެޗު އެޓީމުން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގެ ފުރަތަމަ ސެޓު ނިލަންދޫއިން ކާމިޔާބު ކުރި ނަމަވެސް ގެމަނަފުށިން ވަނީ ޖެހިގެން އައި 2 ސެޓު ކާމިޔާބުކޮށްފައެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގެ ފުރަތަމަ ސެޓުގައި 2 ޓީމްގެ ފަރާތުން ބާރު ޝޮޓު ތަކެއް ވަނީ ފެނިގެން ގޮސްފައެވެ. ހާއްސަކޮށް ނިލަންދޫ ޓީމްގެ ޝާމިލް އާއި ގެމަނަފުށީ ވޮލީ ކުލަބުގެ އަޒީމްގެ ވަރަށް ބާރު ހަމަލާތަކެއް ފެނިގެން ގޮސްފައިވެއެވެ. ދެޓީމްގެ ވެސް ވަރަށް ގާތްގާތުގައި ޕޮއިންޓް ހޯދަމުން ދިޔަ އިރު ސެޓުގެ ވަހު ވަގުތު ނިލަންދޫއިން ވަނީ ކުރި ހޯދާފައެވެ. މިސެޓު އެޓީމުން ކާމިޔާބު ކުރީ 25،23 އިންނެވެ.
ދެވަނަ ސެޓުގައި ވެސް ބާރު ޝޮޓު ތަކާއި ވާދަވެރި ވެރި ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މާ ބޮޑު ލީޑެއް އެއްވެސް ޓީމަކަށް ނުލިބި މިސެޓު ވެސް 25،23 އިން ކާމިޔާބު ކުރީ ނިލަންދޫއެވެ. މެޗުގެ 3 ވަނަ ސެޓުގައި ގެމަނަފުށީގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފައި ވާއިރު ސެޓުގެ ފަހު 5 ޕޮއިންޓާއި ހަމައަށް އެޓީމުން ދިޔައީ ލީޑުގައި ކުޅެމުންނެވެ. ސެޓުގެ ފަހުކޮޅުގައި ނިލަންދޫގެ ކާމިޔާބު ސާވިސް ތަކާއި ރަނގަޅު ނިންމުންތަކާއިއެކު ލީޑް ނެގިއެވެ. އެހެންނަމަވެސް މިސެޓުގައި ވެސް ތަފާތަކަށް ވި އަޒީމް ފުލުފުލުގައި ކާމިޔާބު ބާރު ޝޮޓު ތަކާއިއެކު ސެޓު 27،25 އިން ކާމިޔާބުކޮށް މެޗުގެ ފުރަތަމަ ސެޓު ގެމަނަފުށިން ކާމިޔާބު ކުރިއެވެ.
4 ވަނަ ސެޓުގެ ކުޅުންފަށައިގެން ގެމަނަފުށިން ދިޔައީ 5 ޕޮއިންޓްގެ ލީޑެއްގައި ކުޅެމުންނެވެ. މިސެޓުގެ ކުރީކޮޅު ގެމަނަފުށީގެ ހަމަލާތައް ދިފާޢު ކުރުމުގައި ނިލަންދޫ ޓީމަށް އުދަގޫތަކެއް ވަނީ ދިމާވެފައެވެ. އެހެންނަމަވެސް ކުޅުން ރަނގަޅުކޮށް ނިލަންދޫއިން ވަނީ 1 ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. ސެޓުގެ ފަހުވަގުތު ގެމަނަފުށީގެ ބާރު ހަމަލާތައްް ނިލަންދޫއަށް ހުއްޓުވޭގޮތްނުވެެ މި ސެޓު 25،21 ކާމިޔާބު ކޮށް ނަތީއްޖާ ނެރުމަށް ޓައި ބްރޭކްސެޓަށް ވަނީ ގޮސްފައެވެ. ޓައި ބްރޭކް ސެޓްގައި ގެމަނަފުށީގެ ކުޅުން ފެނުނީ އެހެން ސެޓުތަކާއި ހިލާފަށް ދަށްކޮށެވެ. އަދި ބޮޑު ތަފާތަކާއި އެކު 15،3 އިން ސެޓުގައި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ނިލަންދޫއިން ވަނީ ކަށަވަރުކޮށްފައެވެ. މި މެޗުގެ ތަފާތަކަށް ވީ މެޗުގެ މޮޅު ކުޅުންތެރިޔާ ޖާޒީ ޝާމިލް މުހައްމަދެވެ. ޝާމިލް ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކައި ބާރު ޝޮޓުތަކެއް ކާމިޔާބުކޮށްފައެވެ.
މި މެޗާއި އެކު ފައިނަލްގައި ވާދަ ކުރާނެ ދެވަނަ ޓީމް އެނގިގެން ދާނީ މިރޭ ފޭސް ފިޔޯރީ އަދި ކޮނޑޭ ވެލާ ޓީމް ވާދަކުރާ މެޗުންނެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ.
މި މުބާރާތުގެ ފައިނަލް މެޗު މާދަމާ ރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމްތަކަކީ ގެމަނަފުށި ވޮލީ ކުލަބު، ވެލާ، ފޭސް ފިޔޯރީ ވޮލީޓީމް، ކާމިޔާބު ވޮލީޓީމް، ހުޓިކޮޑާ، އަދި ނިލަންދޫ ވޮލީޓީމެވެ. އަދި އަންހެން ޓީމްތަކަކީ ސީ ކުއީންސް، ގެމަނަފުށީ ވޮލީ ކުލަބު، ކަނޑުހުޅުދޫ ވޮލީޓީމް، އިގްނައިޓް ޖޫނިއާސް، ހުޓިކޮޑާ ކަނބަލުންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމްއަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.

