ހއ. މުރައިދޫގައި 300 މީހުންނަށް ނަމާދުކުރެވޭނެ ބޮޑު މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢަކީ މުރައިދޫ ރައްޔިތުންނަށް ދީނީ ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރުގެ ނާއިބު އިބްރާހިމް އާސިމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަޙުމަދު ސަޢުދީއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި، މި މިސްކިތަކީ ވުޟޫކުރާނެ ވަކި ބަޔަކާއި، މުނާރައާއި، ލޭންޑްސްކޭޕިންގެ މަސައްކަތްތަކާއި، ވަށާފާރާއި، ލައިބްރަރީއެއް ހިމެނޭ ގޮތަށް އިމާރާތް ކުރެވޭނެ މިސްކިތެކެވެ. މީގެ އިތުރުން މި މިސްކިތް ބިނާކުރެވޭނީ ސޯލަރ ސިސްޓަމް ހަރުކުރުމަށް ފަސޭހަވާނެ ގޮތަށެވެ. މިއީ މިސްކިތުގެ ދެމެހެއްޓެނިވިކަން އިތުރުކޮށް، ހަރަދު ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.
ދަޢުލަތުގެ ބަޖެޓުން 7,789,771.62 ރުފިޔާ (ހަތް މިލިއަން ހަތް ލައްކަ އަށްޑިހަ ނުވަ ހާސް ހަތް ސަތޭކަ ހަތްދިހަ އެއް ރުފިޔާ ފަސްދޮޅަސް ދެ ލާރި) ޚަރަދުކޮށްގެން އިމާރާތް ކުރާ މި މިސްކިތުގެ މަސައްކަތް ނިންމުމަށް 365 ދުވަހުގެ މުއްދަތެއް އެމްޓީސީސީއަށް ވަނީ ދެވިފައެވެ. މި މަޝްރޫޢު ނިމުމުން ހއ. މުރައިދޫގެ ރައްޔިތުންނަށް ނަމާދުކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

