"ޔަންމާ ސްޕެއާ ޕްރޮމޯ 2025" ރަސްމީކޮށް ފަށައިފިއެވެ.
މި ޕްރޮމޯޝަން އިފްތިތާޙުކޮށްދެއްވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ކަށަވަރު ޝޯރޫމުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ ރިޓަޔަރޑް އަޙުމަދު ސައުދީއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދު، 5 އޮގަސްޓްއިން ފެށިގެން އަންނަ މަހުގެ 5 ސެޕްޓެމްބަރުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގެ މައިގަނޑު މަޤްސަދަކީ ޔަންމާ ސްޕެއަރޕާޓްސް ކަސްޓަމަރުންނަށް ފަސޭހައިން ފޯރުކޮށްދީ، ޔަންމާއަށް ކަސްޓަމަރުންގެ މެދުގައި އޮންނަ ޒަމާންވީ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމެވެ.
އެމްޓީސީސީން ބުނި ގޮތުގައި، މި ޕްރޮމޯޝަނުގެ މުއްދަތުގައި ކުރާ ކޮންމެ 5000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ކޮންމެ 15 ދުވަހަކުން ނެގޭ ގުރުއަތުން ހޮވޭ 2 ފަރާތަކަށް ސުޒުކީ ޑީއެފް 9.9 އިންޖީނެއް ލިބޭނެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ ރިޓަޔަރޑް އަޙުމަދު ސައުދީ ވިދާޅުވީ ދިވެހި ރާއްޖޭގައި ޔަންމާ އިންޖީނު ތައާރަފް ކޮށްގެން ވިއްކާތާ ގާތްގަނޑަކަށް 50 އަހަރު މި އަހަރަށް ވާނެ ކަމަށެވެ. އެގޮތުން ފެށުނީންސުރެވެސް އެމްޓީސީސީއާއި ޔަންމާ ގުޅިގެން އިންޖީނާއި ސްޕެއާ ފޯރުކޮށްދެމުން އަންނަކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މެނޭޖިން ޑިރެކްޓަރ އިތުރަށް ވިދާޅުވީ، ރާއްޖޭގައި މިހާރު ވަރަށް ގިނަ ޔަންމާގެ ކަސްޓަމަރުން ތިބިކަމަށާއި، ސްޕެއާ ޕާޓްސް ފޯރުކޯށްދިނުމުގައި އެމްޓީސީސީއަށް ބައެއް ގޮންޖެހުންތައް ހުރިކަމަށެވެ. އެގޮތުން މިކަން ރަނގަޅު ކުރުމައްޓަކައި ޓްރޭޑިންއާއި އެމްޓީސީސީ ޓީމް ގުޅިގެން ކަސްޓަމަރުންނަށް ބޭނުންވާ ސްޕެއާ މަދުވެގެން 3 މަހަށް ވާވަރަށް މިހާރު ހޯދިފައިވާކަމަށެވެ. އަދި މިހާރު ޔަންމާ އިންޖީނުގެ ސްޕެއާއި އަދި އެހެނިހެން ޚިދުމަތްތަކާއި ތަކެތި އެމްޓީސީސީގެ ކަށަވަރު ފިހާރައިން ލިބޭނެކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް ދެއްވާކަމަށް އޭނާ ވިދާޅުވިއެވެ.
"ޔަންމާ ސްޕެއާ ޕްރޮމޯ 2025" އަމާޒު ކޮށްފައިވަނީ އޮޑިވެރިންނާއި، މަސްވެރިންނާއި، އިންޖިނިއަރުންނާއި، ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި އުޅަނދުފަހަރުގެ އިންޖީނުގެ ސަރވިސް އިންސްޕެކްޝަން ކުރިއަށް ގެންދިއުމާއި، މެއިންޓެނެންސްއާ ގުޅޭގޮތުން އޮޑިވެރިން އިތުރަށް ހޭލުންތެރިކުރުމަށްޓަކައި މަޢުލޫމާތު ފޯރުކޮށްދިނުމާއި، އިންޑަސްޓްރިއަލް ސައިޓްތަކާއި އޮޑިހަރުގެތަކަށް ޒިޔާރާތް ކުރުން ހިމެނޭ ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއްވިއެވެ.
ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ އަމާޒާއެކު، ކޮންމެ އަހަރަކުވެސް އެކު އުފެއްދުންތަކުގެ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި، ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް ހިންގުމަށް އެކުންފުނިން އިސްކަންދެއެވެ.


