މިދިޔަ މަހު މާލެ ސަރަހައްދުން ގެއްލިގެން ރިޕޯޓުކޮށްފައިވާ ވައްކަމުގެ މައްސަލަތަކުގެ ތެރެއިން 69 ސައިކަލު އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފުލުހުން ހޯދި މި ސައިކަލުތަކުގެ ޖުމްލަ އަގު 3.4 މިލިޔަން ރުފިޔާއަށް އަރާކަމަށް ވަނީ ހާމަވެފައެވެ. މިއީ ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ކާމިޔާބީއެކެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުގައި ވާގޮތުން، މިދިޔަ ޖުލައި މަހު ގެއްލިގެން ރިޕޯޓުކުރި ތަކެތީގެ ތެރެއިން ޖުމްލަ 202 އެއްޗެއް ފުލުހުން ހޯދާފައިވެއެވެ. ހޯދި ތަކެތީގެ ތެރޭގައި މޯބައިލް ފޯނާއި ސައިކަލާއި ފައިސާ ހިމެނެއެވެ. އެގޮތުން، ހޯދި ތަކެތީގެ އެންމެ ބޮޑު ބަޔަކީ ސައިކަލެވެ. 69 ސައިކަލު ހޯދާފައިވާއިރު، އެ ސައިކަލުތަކުގެ އަގު 3,412,530 (ތިން މިލިޔަން ހަތަރު ސަތޭކަ ބާރަ ހާސް ފައްސަތޭކަ ތިރީސް) ރުފިޔާއަށް އަރައެވެ.
ހޯދި މުދަލުގެ ތަފާސް ހިސާބުތައް:
- 22 މޯބައިލް ފޯނު: 213,932.80 ރުފިޔާ
- 69 ސައިކަލު: 3,412,530 ރުފިޔާ
- ފައިސާގެ 43 މައްސަލަ: 935,972 ރުފިޔާ
- 12 އިލެކްޓްރޯނިކްސް: 168,850 ރުފިޔާ
- 56 އެހެނިހެން ތަކެތި: 179,225.80 ރުފިޔާ
މީގެ އިތުރުން، މިދިޔަ މަހު މާލެ ފްރޮންޓް ލައިންގައި ހަރަކާތްތެރިވި ފުލުހުންގެ މަސައްކަތާ ގުޅޭ ބައެއް ތަފާސްހިސާބުވެސް ފުލުހުން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މިދިޔަ މަހު ފުލުހުން ވަނީ މާލެ ސަރަހައްދުގެ 41,574 ސަރަހައްދެއް ބަލައި ފާސްކޮށްފައެވެ. އަދި 1196 ގަޑިއިރާއި 6 މިނެޓު ވަންދެން މާލެ ތެރޭގައި ފައިމަގުގައި ޕެޓްރޯލްކޮށް، މަގުތަކުގެ ސަލާމަތީ ކަންކަން ވަނީ ކަށަވަރުކޮށްފައެވެ.
މީގެ އިތުރުން 6389 މީހަކު ހުއްޓުވައި ފުލުހުން ވަނީ ސުވާލުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ކުށުގެ ރިކޯޑު އޮތް 6145 މީހުންނާއި ރިކޯޑު ނެތް 244 މީހުންނެވެ. އަދި ބިދޭސީންނާ ގުޅޭގޮތުން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި 7 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުން އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރައްވައެވެ. އެގޮތުން މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށް އެކި އޮޕަރޭޝަންތައް ކުރިއަށްގެންދިއުމާއި، ކުށްކުރާ ގުރޫޕުތަކުގެ ހަރަކާތްތައް މަދުކުރުމަށް ހާއްސަ އޮޕަރޭޝަންތައް ކުރިއަށްގެންދިއުން ފާހަގަކޮށްލެވެއެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންގެ މުދާ ރައްކާތެރިކޮށް، އާންމު މަސްލަހަތު ހިފެހެއްޓުމަށް އެހީތެރިވެއެވެ.

