ޅ. ނައިފަރުން ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ އަންހެން ކުއްޖާ، ތިން ދުވަސް ފަހުން މިރޭ ފެނިއްޖެ އެވެ. މި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ނައިފަރު ސީނިޔާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް ފެނިފައި ވަނީ ނައިފަރު މަގުމަތިންނެވެ.
މައިސަރާ ގެއްލުނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 10:25 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިއުމަށްފަހުއެވެ. އޭގެ ފަހުން އޭނާ ފެނިފައި ނުވާތީ، ފުލުހުންނާއި އާއިލާއިން ވަނީ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ މިއީ މައިސަރާ ގެއްލިގެން ހޯދަން އިއުލާން ކުރެވުނު ފުރަތަމަ ފަހަރު ނޫން ކަމެވެ. އޭނާއަކީ މީގެ ކުރިން ވެސް، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ގެއްލިގެން ހޯދަން އިއުލާން ކުރެވުނު ކުއްޖެކެވެ.
މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

