މި މަހުން ފެށިގެން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދޫކުރާ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ސްރީލަންކާ ސަރުކާރުން ނިންމައިފިއެވެ. މި ނިންމުމާ ގުޅިގެން ދިވެހިންނަށް ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ފޮރިން މިނިސްޓްރީން ފާހަގަކުރި ގޮތުގައި ސްރީލަންކާއަކީ ގިނަ ދިވެހިން ދިރިއުޅެމުންދާ އަދި ސިއްހީ ފަރުވާއަށް ދަތުރުކުރާ ގައުމަކަށްވާތީ، މި ނިންމުމަކީ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ. ނަމަވެސް ވިސާއަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީން އިލްތިމާސް ކޮށްފައިވެއެވެ.
ވިސާއަށް އެދޭ ފަރާތްތަކުގެ ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، ވިސާ ބާތިލުވުން ފަދަ ނޭދެވޭ ނަތީޖާއެއް ކުރިމަތިވެދާނެކަމަށް ސްރީލަންކާ ސަރުކާރުން އަންގައިފައިވެއެވެ. އެހެންކަމުން މި ކަމަށް ސަމާލުވުމަށް ސްރީލަންކާގައި ދިރިއުޅޭ އެންމެހައި ދިވެހިންނަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.
ސްރީލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތް ވިދާޅުވި ގޮތުގައި، “މި ނިންމުމަކީ ސަރަހައްދީ ފަތުރުވެރިކަމާއި އިގްތިސާދީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުންނާއި ލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތް އަލުން ދިރުވައި، އަވަށްޓެރި ގައުމުތަކުން ގިނަ އަދަދެއްގެ ފަތުރުވެރިން ގެނައުމުގެ މަގުސަދުގައި މަޝްވަރާތަކަކަށް ފަހު ނިންމި ނިންމުމެކެވެ.”

