ޖަލުތަކުގައި ތިބޭ ގައިދީން ކުރާ މަސައްކަތަށް ދެމުން އައި އެލަވަންސް 25 އަހަރު ފަހުން ބޮޑުކޮށްފިއެވެ. މިގޮތުން މިހާރު ގައިދީންނަށް މަސައްކަތް ކުރާ ދުވަހަކަށް އެންމެ ދަށްވެގެން 50 ރުފިޔާ ލިބޭނެއެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވި ގޮތުގައި މި ބަދަލު ގެނެސްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ. މީގެ ކުރިން ގައިދީންނަށް މަސައްކަތް ކުރާ ދުވަހަކަށް ދެމުން އައީ 30 ރުފިޔާއެވެ. މި އަދަދު ހަމަޖައްސާފައިވަނީ 2000 ވަނަ އަހަރުއެވެ.
އައު އުސޫލުގެ ދަށުން އެލަވަންސް ދިނުމަށް އަށް ގްރޭޑެއް ކަނޑައަޅާފައިވެއެވެ. މިގޮތުން އެންމެ ދަށް ގްރޭޑް ކަމުގައިވާ ގްރޭޑް 1 އަށް ދުވާލަކަށް 50 ރުފިޔާ ލިބޭއިރު، ކޮންމެ ގްރޭޑެއް މަތިވާ ވަރަކަށް 10 ރުފިޔާ އިތުރުވާނެއެވެ. އެންމެ މަތީ ގްރޭޑް ކަމުގައިވާ ގްރޭޑް 8 ގެ މަސައްކަތްތަކަށް ދުވާލަކަށް 120 ރުފިޔާ ލިބޭނެއެވެ.
ގައިދީންނަށް އެލަވަންސް ލިބޭ މަސައްކަތްތަކުގެ ތެރޭގައި ކުނިކެހުމާއި، ފޮޅާ ސާފުކުރުމާއި، ކަރަންޓު މަސައްކަތްތަކާއި އަދި ކޮންސްޓްރަކްޝަން މަސައްކަތްތައް ހިމެނެއެވެ. މި މަސައްކަތްތަކަކީ ގައިދީން އަލުން މުޖުތަމައަށް ނުކުތުމަށް ތައްޔާރުވުމަށް އެހީތެރިވެދޭ މަސައްކަތްތަކެއް ކަމުގައި ބެލެވެއެވެ.
މި ބަދަލާއެކު ގައިދީންނަށް ލިބޭ އާމްދަނީ އިތުރުވެ، އެމީހުންގެ އާއިލާތަކަށް އެހީތެރިވުމަށް އިތުރު ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ގައިދީންގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.

