ހ. ފެންޓެނޯއީ ގެއިން، މިޓާޒްގޭ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު މައްސަލާގައި ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އަދިވެސް އޭނާގެ ބަޔާން ނެގިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ. އެކަމަކު، ޔުމްނުއާ ހަވާލާދީ އާއިލާގެ ފަރާތުން ވަނީ އެއީ އަމިއްލައަށް ކުރި ކަމެއް ނޫން ކަމަށް ބުނެފައެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި ފުލުހުންނަށްވެސް ޔުމްނުގެ އާއިލާގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ފުލުހުން ބުނެފައިވާއިރު، ޔުމްނުގެ ބަޔާން ނަގަން ފުލުހުން މަސައްކަތްކޮށް އެކަން ކާމިޔާބު ނުވުމުން، މެލޭޝިޔާގެ ފުލުހުންނާއި ގުޅިގެން ބަޔާން ނަގަން މަސައްކަތް ކުރާ ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ.
ޔުމްނުގެ ބަޔާން ނަގަން އާއިލާއިން އެއްބާރުލުން ނުލިބޭކަމަށް ރިޔާސީ ކޮމިޝަނުގެ ރިޕޯޓްގައިވެސް ވެއެވެ. އަދި ފުލުހުންވެސް އެކަން މީގެކުރިން ފާހަގަކޮށްފައި ވެއެވެ.
އެ ހާދިސާއާ ގުޅިގެން ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔައީ އޭޕްރީމް މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.
ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކުރުމަށް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އޭޕްރިލްމަހުގެ 27 ވަނަ ދުވަހު ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި ކޮމިޝަނުން ނެރުނު ރިޕޯޓްގައިވަނީ، ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނިކަމަށެވެ. އެގޮތުން، ޔުމްނު އެ ގެއަށް ދިޔައީ އަމިއްލަ އިހްތިޔާރުގައި ކަމާއި، އޭނާއަށް އަނިޔާއެއް ދިނުމުގެ މަގުސަދުގައި ރައުދު އެ ގެއަށް ގެންދިޔަކަން އެނގެން ނެތް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ޔުމްނު ވެއްޓުމުން ރައުދު އޭނާ ހޯދަން މަސައްކަތްކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.
ކޮމިޝަންގެ މަސައްކަތް ނިމުމުން ރައީސުލްހުމުހޫރިއްޔާ މިހާރު ވަނީ ކޮމިޝަން އުވާލަައްވާފައެވެ.

