މާލޭގެ ޗާންދަނީ މަގުގައި ހުންނަ އިދިކޮޅު “މޯލްޑިވްސް ޑިމޮކްރޮޓިކް ޕާޓީ” އެމްޑީޕީގެ ހަރުގޭގެ ދޮރަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ގެއްލުން ދިން މައްސަލާގައި ހައްޔަރުކުރި މީހާ 30 ދުވަހަށް ބަންދުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ މ. ސްޓާ، އުމުރުން 49 އަހަރުގެ މުހައްމަދު ރަޒީންއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގެ ދޮރު ވަނީ ވަރަށް ބޮޑަށް ހަލާކުކޮށްލައިފައެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ މ. ސްޓާ، މުހައްމަދު ރަޒީން އެރޭ ދެންވަރު ހައްޔަރުކުރި ނަމަވެސް ފަހުން ދޫކޮށްލިއެވެ. ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ޖެހިގެން އައި ދުވަހު އަނެއްކާ އޭނާ ހައްޔަރުކުރީއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރަޒީން މިދިޔަ ހޮނިހިރު ދުވަހު ބަންދުން ދޫކޮށްލުމަށް ފަހު، ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދިއްތަ ދުވަހު އަލުން ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާ ކޯޓަށް ހާޒިރުކުރުމުން 30 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ރަޒީނަކީ އެކި ތުހުމަތުތަކުގައި މީގެ ކުރިން ވެސް ތަކުރާރުކޮށް ހައްޔަރުކޮށްފައިވާ މީހެކެވެ.
މިދިޔަ އޭޕްރިލް މަހު މާލޭގެ ކެފޭއަކަށް ވަދެ، އެ ކެފޭގެ ބިއްލޫރި ޝޯކޭސްއެއްގައި ފައިން ޖަހައި ތަޅާލި މައްސަލައިގައި ވެސް ރަޒީން ހައްޔަރުކޮށްފައިވެއެވެ.

