ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއެކު ބަރުދަން ލުއިކޮށް ހަށިގަނޑު ރީތިކޮށް ބެހެއްޓުމަކީ ގިނަ ބައެއްގެ އަމާޒެވެ. މިކަމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ ރޭގަނޑުގެ ކެއުމުގެ އާދަތައް ރަނގަޅުކުރުމެވެ. ޚާއްސަކޮށް ރޭގަނޑުގެ ކެއުމުގެ ގަޑި ކަނޑައެޅުމާއި، ކާ ތަކެތީގެ ބާވަތްތަކަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.
ރޭގަނޑުގެ ކެއުމުގެ ގަޑި ބަދަލުކުރުމުގެ މުހިންމުކަން؛ ދިރާސާތަކުން ދައްކާ ގޮތުގައި ރޭގަނޑުގެ ކެއުމުގެ ގަޑި އިރުއޮއްސޭހާ އަވަހަކަށް (6:00) ބަދަލުކުރުމުން ގިނަގުނަ ފައިދާތަކެއް ކުރެއެވެ. މީގެ ތެރޭގައި ސަރުބީއިތުރުވުން 20 ޕަސެންޓު ދަށްވުމާއި، ހަށިގަނޑަށް ކާނާ ހަޖަމުކުރުމަށް އެކަށީގެންވާ ވަގުތު ލިބުން ހިމެނެއެވެ. އަދި މިކަމުގެ ސަބަބުން ނިދުމުގެ ކުރިން ކެއި ކާނާ ރަނގަޅަށް ހަޖަމުވެ، ރޭގަނޑު ރަނގަޅު ނިންޖެއް ލިބުމަށް މަގުފަހިވެގެންދެއެވެ.
ހަޖަމުކުރުމުގެ ނިޒާމަށް ކުރާ ފައިދާ؛ އަވަހަށް ރޭގަނޑުގެ ކެއުން ކެއުމުން ހަޖަމުކުރުމުގެ ނިޒާމަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރެއެވެ. މީގެ ތެރޭގައި ހަޖަމު ނުވުމުގެ މައްސަލަތައް މަދުވުމާއި، މެއިން ދިލަނެގުމާއި ބަނޑު ފުއްޕާފައި ހުރުން ފަދަ ކަންކަން ދުރުވުން ހިމެނެއެވެ. އަދި ވައިގެ މައްސަލަތަކުން ރައްކާތެރި ވުމަށްވެސް މިކަމުން އެހީތެރި ވެދެއެވެ.
ބަރުދަން ބެލެހެއްޓުމަށް ކުރާ އަސަރު؛އަވަހަށް ރޭގަނޑުގެ ކެއުން ކެއުމަކީ ބަރުދަން ބެލެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. ނިދުމުގެ ކުރިން ހަށިގަނޑަށް ކެލެރީ އަންދާލުމަށް އިތުރު ވަގުތު ލިބި، މީގެ ސަބަބުން ހަށިގަނޑުގައި ކެލޮރީ، ނުވަތަ ސަރުބީ ޖަމާވުން މަދުވެގެންދެއެވެ. އަދި މިކަމުގެ ސަބަބުން އިންޓަރމިޓަންޓް ފާސްޓިންގ ފަދަ ކެއުމުގެ އުސޫލުތަކަށް ފަސޭހައިން ތަބާ ވުމަށް މަގުފަހި ވެގެން ދެއެވެ.
ހެނދުނުގެ ނާސްތާގެ މުހިންމުކަން؛ ރޭގަނޑުގެ ކެއުމުގެ ގަޑި އަވަސް ކުރާއިރު، ހެނދުނުގެ ނާސްތާގެ ވަގުތު އަވަސް ކުރުމަކީ މުހިންމު ކަމެކެވެ. ހެނދުނުގެ ނާސްތާއަށް ރޭގަނޑު ތައްޔާރުކޮށްފައި ބެހެއްޓުމުން ހެނދުނު ވަގުތު އޮއްވާ އަވަހަށް ނާސްތާ ކުރުމަށް މަގުފަހިވާނެއެވެ. އަދި ދުވާލުގެ އެހެނިހެން ކަންކަމަށް ބޭނުންވާ ހަކަތަ ހަށިގަނޑަށް ލިބުމަށް އެހީތެރިވެދޭނެ އެވެ. އަދި، ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުވެގެންދެއެވެ.
ނިދުމުގެ މުހިންމުކަން؛ ކޮންމެ ރެއަކު ވަކި ގަޑިއަކަށް ނިދުމާއި، 7-8 ގަޑިއިރުގެ ރަނގަޅު ނިދި ހޯދުމަކީ ހިކުމަށް އެހީވެދޭ ކަމެކެވެ.ހާއްސަކޮށް ވީވަރަކުން 12އިގެ ކުރިން ނިދޭތޯ މަސައްކަތް ކުރަން ވާނެއެވެ. ރަނގަޅަށް ނުނިދުމުން ކާހިތްވުމާއި ބަނޑުހައިވުމަށް މެދުވެރިވާ ހޯމޯން އުފެދޭ ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ. އެހެންކަމުން ރަނގަޅު ނިދި ހޯދުމަކީ ބަރުދަން ބެލެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި ބަރުދަން ބެލެހެއްޓުމަށް ރޭގަނޑުގެ ކެއުމުގެ އާދަތައް ބަދަލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަވަހަށް ރޭގަނޑުގެ ކެއުން ކައި، ރަނގަޅު ނިދި ހޯދައި، ހެނދުނުގެ ނާސްތާއަށް އިސްކަންދިނުމަކީ މިކަމަށް އެހީތެރިވެދޭނެ މުހިންމު ކަންތައްތަކެވެ. މިފަދަ ރަނގަޅު އާދަތަކެއް އަށަގެންނެވުމުން ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުމަށް މަގުފަހި ވެގެން ދާނެއެވެ.


