ގެމަނަފުށީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ ވޮލީ މުބާރާތުގެ ވަރުގަދަ ފައިނަލް މެޗު ފޭސް ފިޔޯރީ އަދި ގއ ނިލަންދޫ މިއަދު ވާދަ ކުރާނެއެވެ.
ރާއްޖޭގެ ވޮލީގެ ތަރިންނާއިއެކު މިއަދުގެ ފައިނަލް މެޗު އޮންނަ އިރު މި ދެޓީމަކީ މުބާރާތުގެ އެންމެ ވަރުގަދަ ކަމަށް ފެނުނު 2 ޓީމެވެ. މީގެ އިތުރުން ގެމަނަފުށީ ވޮލީ ކުލަބުގެ މައްޗަށް ނިލަންދޫއިން ކުރި ހޯދުން ވެގެން ދިޔައީ ޓީމުގެ ވަރުގަދަކަން އިތުރަށް ފާހަގަވިކަމެކެވެ. ގެމަނަފުށީ ވޮލީ ކުލަބަކީ ހޯމް ޓީމަށް ވުމާއި، އެޓީމްގެ ވަރުގަދަ ކުޅުން ގްރޫޕް ސްޓޭޖުގައި ފެނިގެން ދިޔުންމީ ގިނަ ބަޔަކަށް ބަޔަކަށް ގަބޫލު ކުރެވުނު ގޮތުގައި މުބާރާތުގެ ފައިނަލްގައި ކުޅޭނެ ޓީމަށް އެޓީމްވުން ކަމަށެވެ.
އެހެންނަމަވެސް ސެމީ ފައިނަލްގައި އެޓީމްގެ މައްޗަށް ނިލަންދޫއިން ކުރި ހޯދައި ފައިނަލްގައި ވާދަކުރުން ގިނަ ބަޔަކަށް ހައިރާންކަން ގެނުވިއެވެ. ނިލަންދޫ ޓީމްގެ ޝާމިލްއަކީ ރާއްޖޭގެ މިހާރު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. ޕޮލިސް ޓީމްގެ މުހިންމު ސްޕައިކަރެވެ. އަދި ގއ ގެ އެންމެ މޮޅުކުޅުންތެރިން އެއްރަށަކުން ނަގާނަމަ ނިލަންދޫއަކީ އެއްވަނައެވެ. އަތޮޅު މުބާރާތްތައް ގިނަފަހަރަށް ނަގައި ކޮންމެ އަހަރަކު ވަރުގަދަ ރާވެރިޔާ މުބާރާތް ބާއްވާ ރަށެވެ.
އަނެއްކޮޅުން ފައިނަލްގައި ވާދަ ކުރާ ފޭސް ފިޔޯރީއަކީ ވޮލީ ކާމިޔާބު ތާރީހެއް އޮތް ރަށެއް، އަދި ޓީމެކެވެ. އަތޮޅު މުބާރާތްތަކުން ފެށިގެން ކާމިޔާބު ހޯދި ޓީމެކެވެ. އެންމެ ފަހުން ބޭއްވުނު ގދ އަތޮޅު ކައުންސިލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިއަދުގެ ފައިނަލްގައި ވާދަކުރާ ފޭސް ފިޔޯރީއެވެ. ރާއްޖޭގެ މިވަގުތު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަލީ ހުޒާމް، މުހައްމަދު ރިމާޒް، އަބްދުالله މިހާދު އަކީ އެޓީމްގެ ކީ ޕްލޭޔަރުންނެވެ. މިޓީމްގެ ކޯޗަކީ މަޝްހޫރު ޝަރަފް އެވެ.
ފައިނަލަށް ފޭސް ފިޔޯރީ ދަތުރުކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ. މީގެ ތެރޭގައި ނިލަންދޫ މެޗުވެސް ހިމެނެއެވެ. ގްރޫޕް ސްޓޭޖުގެ މެޗާއި ފައިނަލް މެޗް ހާސްބައި ތަފާތު ވާނެއެވެ. ފޭސް ފިޔޯރީގެ ކޯޗްގެ ބަހަކީ ވެސް އެއީއެވެ.
މި މުބާރާތަކީ ގއ އަތޮޅުގައި ކުރިއަށް ދާ ފޯރި ގަދަ މުބާރާތެކެވެ. ފުވައްމުލަކު ސިޓީ ހިމެނޭހެން 11 ޓީމް ވާދަކޮށްފައި ވާއިރު މޮޅު ކުޅުން ފެނިގެން ދިޔަ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމްތަކަކީ ގެމަނަފުށި ވޮލީ ކުލަބު، ވެލާ، ފޭސް ފިޔޯރީ ވޮލީޓީމް، ކާމިޔާބު ވޮލީޓީމް، ހުޓިކޮޑާ، އަދި ނިލަންދޫ ވޮލީޓީމެވެ. އަދި އަންހެން ޓީމްތަކަކީ ސީ ކުއީންސް، ގެމަނަފުށީ ވޮލީ ކުލަބު، ކަނޑުހުޅުދޫ ވޮލީޓީމް، އިގްނައިޓް ޖޫނިއާސް، ހުޓިކޮޑާ ކަނބަލުންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމްއަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ގެމަނަފުށީ ކައުންސިލެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

