މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކޮށްފައިވާ ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީޕީއައި) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ޖޫން މަހު މުޅިރާއްޖޭގެ ކަރަންޓް ބިލްތަކުން 3.18 އިންސައްތަ ދަށް ކަމަށް ދަައްކަައިފިއެވެ.
އެމްބީއެސްގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، ޖޫން މަހު ޚިދުމަތްތަކާއި އަގުތަކުގެ ތެރެއިން އެންމެ ބޮޑު ދަށްވުމެއް ފެނިފައިވަނީ ކަރަންޓް ބިލްތަކުންނެވެ. މީގެ އިތުރުން، މުޅިރާއްޖޭގެ ޖުމްލަ އިންފްލޭޝަން ރޭޓް ވަނީ 0.04 އިންސައްތަ ދަށްވެފައެވެ.
އެހެންނަމަވެސް، ވޯލްޑް ބޭންކުން ލަފާކުރާގޮތުގައި، އަންނަ އަހަރު މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރުމާ ގުޅިގެން އިންފްލޭޝަން ރޭޓް ފަސް އިންސައްތައަށްވުރެ މަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މި އަހަރަށް ފާސްކުރެވުނު ބަޖެޓާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދީފައިވާ ލަފާގައިވެސް ވަނީ މި އަހަރު ރާއްޖޭގެ އިންފްލޭޝަން މަތިވުމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަކޮށްފައެވެ.
މަރުކަޒީ ބޭންކުގެ އަންދާޒާތަކުން ދައްކާގޮތުގައި، މާލީ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ޚަރަދު ކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް އަންނަ އަހަރުގެ އޭޕްރީލް މަހު ތަންފީޒުކުރުމުން، މިހާރު 0.8 އިންސައްތައިގައި ހުރި އިންފްލޭޝަން ރޭޓް 3.9 އިންސައްތައަށް މަތިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

