ގއ ގެމަނަފުށީގައި ކުރިއަށްދާ ކައުންސިލް ވޮލީ މުބާރާތުގެ ހުރިހާ ވެސް އުއްމީދަކީ ފައިނަލްގައި ފޭސް ފިޔޯރީ ބަލިކޮށް ތަށި ރަށަށް ގެންދިއުން ކަމުގައި ނިލަންދޫ ކައުންސިލް ޓީމްގެ މެނޭޖަރ މުހައްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ފައިނަލް މެޗުގައި ވާދަކުރާނީ ފޭސް ފިޔޯރީ އަދި ގއ ނިލަންދޫ ކައުންސިލް ޓީމެވެ.
މި މެޗަށް ނިކުތުމުގެ ކުރިން ޓީމްގެ މެނޭޖަރ ޒިޔާދު ހުވަދޫއަށް ވިދާޅުވީ، ކުޅުންތެރިންނާއި މުޅި މެނޭޖްމަންޓް އޮތީ މި މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ. ގްރޫޕް ސްޓޭޖް މެޗުން ބަލިވުމަކުން މި މެޗަށް އޭގެ އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އަދި ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ވެފައި އޮތުމުން އެ މެޗު ކުޅުންތެރިންނަށް ނަގައި ގަނެވުނީ ފަަސޭހަ މެޗެއްގެ ގޮތުގައި ކަމަށެވެ. އަދި ފައިނަލަށް ނިކުތުމުގެ ކުރިން މުބާރާތުގެ އޮތް އެންމެ ވަރުގަދަ އެއްޓީމް އަދި ހޯމް ޓީމް ގެމަނަފުށީ ވޮލޫ ކުލަބުގެ މައްޗަށް ކުރި ހޯދުން ވެގެން ދިޔައީ ފައިނަލަށް ނިކުތުުގެ ކުރިން ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ކޮންފިޑެންޓެއް ކަމުގައެވެ. އަދި ހާއްސަކޮށް ގެމަނަފުށީ ސަޕޯޓަރުންގެ ކުރިމަތީ ކުޅުންތެރިން ދެއްކި ހިތްވަރަށް ސާބަސް ދެއްވާ ކަމަށެވެ.
މި މެޗަށް ނިކުންނަ އިރު ފޭސް ފިޔޯރީ އަކީ މޮޅު ޓީމެއް ކަަން އެނގޭ ކަމަށާއި، އަދި މޮޅު ކޯޗަކާއި ރަށުން ބޭރު މޮޅު ކުޅުންތެރިން ތިބިކަން އެނގޭ ކަމަށެވެ. އެހެން ނަމަވެސް ކުޅުންތެރިންނަށް ބާރަށް މިއަދު މެޗުގައި ނިލަންދޫ ކުޅުންތެރިން ޖަހާނެ ކަން ޒިޔާދު ވިދާޅުވީ ވަރަށް ޔަގީން ކަމާއިއެކުއެވެ. މޫސުން އެހާ ރަނގަޅު ނޫންނަމަވެސް 2 ޓީމަށްވެސް އޭގެ އަސަރު ކުރާނީ އެއްވަރަކަށް ކަމަށާއި، ބަލާ ހިތްވާ ކަހަލަ ފޯރިގަދަ ކުޅުމެއް މިއަދު މެޗުން ފެންނާނެކަމަށް ޒިޔާދު ވިދާޅުވިއެވެ.
ރާއްޖޭގެ ވޮލީގެ ތަރިންނާއިއެކު މިއަދުގެ ފައިނަލް މެޗު އޮންނަ އިރު މި ދެޓީމަކީ މުބާރާތުގެ އެންމެ ވަރުގަދަ ކަމަށް ފެނުނު 2 ޓީމެވެ. މީގެ އިތުރުން ގެމަނަފުށީ ވޮލީ ކުލަބުގެ މައްޗަށް ނިލަންދޫއިން ކުރި ހޯދުން ވެގެން ދިޔައީ ޓީމުގެ ވަރުގަދަކަން އިތުރަށް ފާހަގަވިކަމެކެވެ. ގެމަނަފުށީ ވޮލީ ކުލަބަކީ ހޯމް ޓީމަށް ވުމާއި، އެޓީމްގެ ވަރުގަދަ ކުޅުން ގްރޫޕް ސްޓޭޖުގައި ފެނިގެން ދިޔުންމީ ގިނަ ބަޔަކަށް ބަޔަކަށް ގަބޫލު ކުރެވުނު ގޮތުގައި މުބާރާތުގެ ފައިނަލްގައި ކުޅޭނެ ޓީމަށް އެޓީމްވުން ކަމަށެވެ.
އެހެންނަމަވެސް ސެމީ ފައިނަލްގައި އެޓީމްގެ މައްޗަށް ނިލަންދޫއިން ކުރި ހޯދައި ފައިނަލްގައި ވާދަކުރުން ގިނަ ބަޔަކަށް ހައިރާންކަން ގެނުވިއެވެ. ނިލަންދޫ ޓީމްގެ ޝާމިލްއަކީ ރާއްޖޭގެ މިހާރު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. ޕޮލިސް ޓީމްގެ މުހިންމު ސްޕައިކަރެވެ. އަދި ގއ ގެ އެންމެ މޮޅުކުޅުންތެރިން އެއްރަށަކުން ނަގާނަމަ ނިލަންދޫއަކީ އެއްވަނައެވެ. އަތޮޅު މުބާރާތްތައް ގިނަފަހަރަށް ނަގައި ކޮންމެ އަހަރަކު ވަރުގަދަ ރާވެރިޔާ މުބާރާތް ބާއްވާ ރަށެވެ.
އަނެއްކޮޅުން ފައިނަލްގައި ވާދަ ކުރާ ފޭސް ފިޔޯރީއަކީ ވޮލީ ކާމިޔާބު ތާރީހެއް އޮތް ރަށެއް، އަދި ޓީމެކެވެ. އަތޮޅު މުބާރާތްތަކުން ފެށިގެން ކާމިޔާބު ހޯދި ޓީމެކެވެ. އެންމެ ފަހުން ބޭއްވުނު ގދ އަތޮޅު ކައުންސިލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިއަދުގެ ފައިނަލްގައި ވާދަކުރާ ފޭސް ފިޔޯރީއެވެ. ރާއްޖޭގެ މިވަގުތު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަލީ ހުޒާމް، މުހައްމަދު ރިމާޒް، އަބްދުالله މިހާދު އަކީ އެޓީމްގެ ކީ ޕްލޭޔަރުންނެވެ. މިޓީމްގެ ކޯޗަކީ މަޝްހޫރު ޝަރަފް އެވެ.
ފައިނަލަށް ފޭސް ފިޔޯރީ ދަތުރުކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ. މީގެ ތެރޭގައި ނިލަންދޫ މެޗުވެސް ހިމެނެއެވެ.
މި މުބާރާތަކީ ގއ އަތޮޅުގައި ކުރިއަށް ދާ ފޯރި ގަދަ މުބާރާތެކެވެ. ފުވައްމުލަކު ސިޓީ ހިމެނޭހެން 11 ޓީމް ވާދަކޮށްފައި ވާއިރު މޮޅު ކުޅުން ފެނިގެން ދިޔަ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމްތަކަކީ ގެމަނަފުށި ވޮލީ ކުލަބު، ވެލާ، ފޭސް ފިޔޯރީ ވޮލީޓީމް، ކާމިޔާބު ވޮލީޓީމް، ހުޓިކޮޑާ، އަދި ނިލަންދޫ ވޮލީޓީމެވެ. އަދި އަންހެން ޓީމްތަކަކީ ސީ ކުއީންސް، ގެމަނަފުށީ ވޮލީ ކުލަބު، ކަނޑުހުޅުދޫ ވޮލީޓީމް، އިގްނައިޓް ޖޫނިއާސް، ހުޓިކޮޑާ ކަނބަލުންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމްއަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ގެމަނަފުށީ ކައުންސިލެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

