ގެމަނަފުށި ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ކައުންސިލް ވޮލީ މުބާރާތުގެ ފައިނަލަށް ފިޔޯރީން 150 އެއްހާ ސަޕޯޓަރުން ގެމަނަފުއްޓަށް އަންނާނެއެވެ
ފިޔޯރީއަކީ މި މުބާރާތުގައި ނިލަންދޫއާއި ދެކޮޅަށް ނިކުންނަ ޓީމެވެ.
ފޭސް ފިޔޯރީ ޓީމްގެ މެނޭޖަރ އާސިމް ހަބީބް ހުވަދޫއަށް ވިދާޅުވީ މުޅިރަށް އޮތީ ޓީމާއިއެކު ކަމަށާއި އަދި ޓީމަށް ހިތްވަރުދީ ސަޕޯޓް ކުރުމަށް ރަށުގެ ކުދިބޮޑު އެންމެން ހިމެނޭހެން 150 ވަރަކަށް މީހުން މިއަދު ގެމަނަފުއްޓަށް އަންނާނެކަމަށެވެ. އަދި މިކަމުގައި އަވަށްޓެރި ފަރެސްމާތޮޑާގެ ޑެއިޒީވިއު ދޯނިން ދެއްވި އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް އާސިމް ވިދާޅުވިއެވެ.
މިއަދު މެޗަށް ސަޕޯޓަރުން ގެނައުމަށް ޑެއިޒީވިއު ކެޔޮޅު ސާމިއު (ޝާންޓޭ ) އާއި އެ ދޯނީގެ ފަޅުވެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން- އާސިމް
މީގެ އިތުރުން އާސިމް ވިދާޅުވީ ލޯންޗް ތަކުގައިވެސް ސަޕޯޓް ކުރުމަށް މީހުން އަންނަ ކަމަށެވެ. އަދި އުއްމީދަކީ ސަޕޯޓަރުން އުފާވާނެ ފަދަ ނަތީއްޖާއަކުން މޮޅުވެ ރަށަށް ތަށި ގެންދިއުން ކަމަށެވެ.
ފައިނަލަށް ފޭސް ފިޔޯރީ ދަތުރުކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ. މީގެ ތެރޭގައި ނިލަންދޫ މެޗުވެސް ހިމެނެއެވެ.
މި މުބާރާތަކީ ގއ އަތޮޅުގައި ކުރިއަށް ދާ ފޯރި ގަދަ މުބާރާތެކެވެ. ފުވައްމުލަކު ސިޓީ ހިމެނޭހެން 11 ޓީމް ވާދަކޮށްފައި ވާއިރު މޮޅު ކުޅުން ފެނިގެން ދިޔަ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމްތަކަކީ ގެމަނަފުށި ވޮލީ ކުލަބު، ވެލާ، ފޭސް ފިޔޯރީ ވޮލީޓީމް، ކާމިޔާބު ވޮލީޓީމް، ހުޓިކޮޑާ، އަދި ނިލަންދޫ ވޮލީޓީމެވެ. އަދި އަންހެން ޓީމްތަކަކީ ސީ ކުއީންސް، ގެމަނަފުށީ ވޮލީ ކުލަބު، ކަނޑުހުޅުދޫ ވޮލީޓީމް، އިގްނައިޓް ޖޫނިއާސް، ހުޓިކޮޑާ ކަނބަލުންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމްއަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ގެމަނަފުށީ ކައުންސިލެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

