ކ. ހުރާ ބަނދަރުގައި އެ ރަށު ކައުންސިލުން ބަހައްޓާފައިހުރި މޮނިއުމެންޓްގެ މަސައްކަތް ނުނިމެނީސް ބަޔަކު ހަލާކުކޮށްލައިފިއެވެ.
ހުރާގެ ބަނދަރުމަތީގައި ހަދަމުން އައީ، އެ ރަށުގެ ނަމާއި ރަތް ކުލައިގެ ކަކުންޏަކާއި މާކަނާއެއް ފެންނަ މޮނިއުމެންޓެކެވެ.
އެ ރަށު ކައުންސިލުން ބުނީ އެ މޮނިއުމަންޓަށް ރޭ ދަންވަރު ބަޔަކު ގެއްލުންދީ ހަލާކުކޮށްލާފައިވާ ކަމަށާއި، މިއީ ރައްޔިތުންގެ މާލިއްޔަތުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ކޮށްފައިވާ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށާއި، ނަމަވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށެވެ.
ކައުންސިލުން ވަނީ އެފަދަ އަމަލުތައް ނުހިންގުމަށް ނަސޭހަތްތެރިވެ، އެ އަމަލު ހިންގި ބަޔަކު ހޯދައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

