ގެމަނަފުށީ ކައުންސިލް ވޮލީ މުބާރާތް 2025 ގެ ފައިނަލް މެޗު ޝަރަފްވެރި ކޮށްދެއްވާނީ ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް އެވެ.
ފުވައްމުލަކު ސިޓީ ހިމެނޭހެން 11 ޓީމަކުން ވާދަކުރި މި މުބާރާތުގެ ފައިނަލް މެޗު މިރޭ އޮންނަ އިރު ވާދަކުރާނީ ގއ ނިލަންދޫ ވޮލީ ޓީމާއި ފޭސް ފިޔޯރީއެވެ.
މި ދެޓީމަކީ ވެސް މި މުބާރާތުގައި ރަށުން ބޭރުން ވާދަކުރި ދެޓީމްއެވެ. ނިލަންދޫ ފައިނަލަށް ދަތުރުކުރީ ވަރުގަދަ ގެމަނަފުށީ ވޮލީ ކުލަބު 3-1 ސެޓުން ބަލިކޮށްގެންނެވެ.
ފޭސް ފިޔޯރީ ފައިނަލުން ޖާގަ ހޯދީ ގއ ކޮނޑޭ ވެލާ 3-0 ބަލިކޮށްގެންނެވެ.
މި ދެޓީމުގައި ވެސް ރާއްޖޭގެ މޮޅެތި ކުޅުންތެރިން ތިބިއިރު ރާއްޖޭގެ ކުރީގެ ވޮލީ ކެޕްޓަން އަލީ ހުޒާމް ފޭސް ފިޔޯރީން ފެނިގެން ދާނެއެވެ.
މިރޭ 20:15 ގައި އޮންނަ މި މެޗަށް މުޅި ގެމަނަފުށި ތައްޔާރުވެފައިވާއިރު ދެ ރަށުގެ ސަޕޯޓަރުންނާއި އެކު މުޅި ގެމަނަފުށީގައި އޮތީ ކުޅިވަރުގެ ރޫހެކެވެ.

