ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދިނުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވި، އެ މައްސަލަ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އޭސީސީ އަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ފްލެޓް ދޫކުރުމުގެ އުސޫލާ ހިލާފަށް، 76 މާކްސްއަށް ވުރެ މަތިން ޕޮއިންޓް ލިބިފައިވާ ބައެއް ފަރާތްތަކުގެ ގުރުއަތު ނުނަގައި، 75 މާކްސް ލިބުނު 315 ފަރާތަކަށް ފްލެޓް ދީފައިވެއެވެ.
އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، ތިން ކޮޓަރީގެ ފްލެޓް ލިބެންޖެހެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ. އަދި އެ ފަރާތްތަކަށް ފްލެޓް ކަނޑައެޅުމަށްފަހު ބާކީވާ ފްލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޭގޮތަށް ހަމަޖެހިފައިވެއެވެ.
ނަމަވެސް، 2023 ވަނަ އަހަރުގެ ނޮވެންބަރު 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ގުރުއަތު ނެގުމުގައި، 76 އަށް ވުރެ މަތިން މާކްސް ލިބިފައިވާ 301 ފަރާތަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާކަން ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. މީގެ ބަދަލުގައި، 75 މާކްސް ލިބުނު 315 ފަރާތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެފަރާތްތަކަށް ފްލެޓް ކަނޑައަޅާފައިވެއެވެ.
މި މައްސަލައިގައި އިތުރު ތަހުގީގުތައް ކުރިއަށް ގެންދިއުމަށް ވުޒާރާއިން އޭސީސީ އަށް ހުށަހަޅާފައިވާއިރު، މި މައްސަލައާ ގުޅިގެން އޭސީސީން އަޅާނެ ފިޔަވަޅުތަކާމެދު މި ވަގުތު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

