ހުޅުމާލޭގައި އެސްޓީއޯގެ އާ ބޭސްފިހާރައެއް “އެސްޓީއޯ ފާމަސީ ސެންޓްރަލް” ގެ ނަމުގައި ހުޅުވައިފިއެވެ. އިއްޔެ ހުޅުވި މި ބޭސްފިހާރައިން ރައްޔިތުންނަށް ޚިދުމަތް ދޭން ވަނީ ފަށައިފައެވެ.
އެސްޓީއޯއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ބޭސްފިހާރަ ގާއިމުކޮށްފައިވަނީ ހުޅުމާލޭ ހުވަނދުމާ ހިނގުމުގައި، ހުޅުމާލެ ހޮސްޕިޓަލް ކައިރީގައި ކުރިން އެސްޓީއޯ ސްމާޓް ސްޓޯ ހިންގަމުން އައި ތަނުގައެވެ. މި ބޭސްފިހާރަ ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް އެސްޓީއޯގެ ޞިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
އެސްޓީއޯގެ އެހެނިހެން ފާމަސީތަކެކޭ އެއްފަދައިން، މި ބޭސްފިހާރައިން ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން، ނެޕީ، ކޮސްމެޓިކްސް އަދި ނެބިއުލައިޒާ ފަދަ ތަކެތި ވިއްކުމުގެ ޚިދުމަތްވެސް ފޯރުކޮށްދެއެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގަތުމަށްޓަކައި ނަގުދު ފައިސާގެ އިތުރުން ކާޑުން ފައިސާ ދެއްކުމުގެ ޚިދުމަތާއި، އާސަންދަ އަދި އެހެނިހެން އިންޝުއަރެންސް ޕްލޭންތަކުގެ ޚިދުމަތްވެސް މި ފާމަސީން ލިބެން ހުންނާނެއެވެ.
މި ފާމަސީ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ފެށިގެން މެންދަމު 12:00 އާ ހަމައަށެވެ. މި ބޭސްފިހާރަ ހުޅުވުމާއެކު ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ބޭސްފިހާރަތަކުގެ އަދަދު ވަނީ ދޭއްކަށް އަރާފައެވެ.
އެސްޓީއޯ ފާމަސީ ސެންޓްރަލް ހުޅުވުމާއެކު ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބި، ކިޔޫގައި ނުތިބެ ބޭސް ލިބޭނެ މަގު ފަހިވެގެންދާނެކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

