މި އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ސުވާލުކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހަޅުއްވައިފިއެވެ.
މުހައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވަނީ ދެ ސުވާލެކެވެ. އެގޮތުން، ޔުމްނު ވެއްޓުނު މައްސަލަ ބެލި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ޖިނާއީ ތަހުގީގު ހިންގަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ މައްޗަށް ފުލުހުން ތަހުގީގެއް ހިންގަމުންދޭތޯ އާއި އެ ތަހުގީގުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ސުވާލުކުރުމަށާއި، މި މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިހުމާލުތައް ހުރި ކަމަށް ފާހަގަކޮށްފައިވާތީ، އެކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސުވާލުކުރުމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުން މި މައްސަލަ ތަހުގީގުކޮށް ނިންމައި، ރިޕޯޓް ވަނީ އާންމުކޮށްފައެވެ. ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޔުމްނު ވެއްޓުނީ މަސްތުގެ ހާލަތުގައި ހުރި ވަގުތެއްގައި ކަމަށް ބުރަވެވެއެވެ. ނަމަވެސް، މިހާތަނަށްވެސް ޔުމްނުގެ ބަޔާން ނުނެގޭ ކަމަށް ފުލުހުންގެ އިދާރާއިން މިއަދުވެސް ވަނީ ބުނެފައެވެ.
ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޔުމްނުގެ ބަހެއް ހޯދުމަށް ކޮމިޝަނުން ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ. އާއިލާއިން ފޯނު ކަނޑާލުމަށްފަހު، ޔުމްނުގެ ޅިޔަނު މުހައްމަދު މުއުމިން ކޮމިޝަނަށް ގުޅައި، ޔުމްނުގެ މަންމައަށް ނުގުޅުމަށާއި އާއިލާއިން ކޮމިޝަނާ ބައްދަލުކުރަން ބޭނުން ނުވާ ކަމަށް ބުނެފައިވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ޔުމްނު އަށް ފަރުވާ ދިނުމަށްފަހު މެލޭޝިއާގެ ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައިވީ ނަމަވެސް، ތަހުގީގަށް ބަޔާން ދެވޭ މިންވަރަށް އޭނާގެ ހާލަތު ރަނގަޅުވެފައި ނުވާ ކަމަށް އާއިލާއިން ވަނީ މީޑިއާތަކަށް މަޢުލޫމާތު ދީފައެވެ. ނަމަވެސް ކޮމިޝަނުން ބުނެފައިވަނީ ޔުމްނުގެ ބަހެއް ނުލިބުނު ނަމަވެސް، ތަހުގީގުން ލިބުނު ހެއްކާއި ގަރީނާތަކަށް ބަލާއިރު، އެކަމަކީ ތަހުގީގުގެ ނަތީޖާއަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށެވެ.

