ކައުންސިލްތަކުގެ މާލީ ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވޭ އިސްލާޙުތަކުގެ ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި ބިލު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 51 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ހުށަހެޅުއްވި މި ބިލުގައި، ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި، ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ދޭ ގްރާންޓް ދިނުމުގެ އުސޫލުތައް މުރާޖަޢާކޮށްފައިވެއެވެ.
ބިލުގެ މުހިންމު ބައިތަކުގެ ތެރޭގައި، ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރެވޭނެ ވިޔަފާރިތައް ކަނޑައެޅުމާއި، އެ ކުންފުނިތަކުން ކުރާ އިންވެސްޓްމަންޓްތައް 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާންޖެހޭނެކަން ހިމެނެއެވެ. އަދި އަމިއްލަ ފަރާތްތަކުން އެ ރަށެއްގައި ކުރަމުންދާ އިޤްތިޞާދީ މަސައްކަތެއް ކުރުން މަނާކުރާ މާއްދާއެއްވެސް ބިލުގައި ހިމަނާފައިވެއެވެ.
މީގެއިތުރުން، އަސާސީ ޚިދުމަތް ދިނުމަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނުނެގޭނެކަމަށް ބަޔާންކޮށްފައިވާއިރު، ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާކުރުމަށް އައު ބޭންކް އެކައުންޓެއް ހުޅުވާނަމަ އޭގެ ތަފްސީލް މާލީ ވުޒާރާއާ ހިއްސާކުރަންޖެހޭނެއެވެ. އަދި ދައުލަތުގެ އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް 6 މަސްދުވަހަށްވުރެ ގިނަދުވަސްވެފައިވާނަމަ، ދައުލަތުން ކައުންސިލްތަކަށް ދޭ ގްރާންޓުން އެ ފައިސާ އުނިކުރެވޭނެއެވެ.
ކައުންސިލުގެ ދައުރުގެ ފަހު އަހަރާ ގުޅޭގޮތުން ވެސް ބިލުގައި ވަކި އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ. މީގެ ތެރޭގައި ތަރައްޤީގެ ޕްލޭންގައި ނުހިމެނޭ ކަންކަން ނުފެށުމާއި، މުވައްޒަފުން ނެގުމާއި ބިމާއި ފަޅު އަދި ފަރު ސަރަހައްދު ކުއްޔަށް ދިނުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރަންޖެހޭނެކަން ހިމެނެއެވެ.

