ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރެއިން ކައުންސިލުތަކުގެ އާމްދަނީ އިތުރުކޮށް، ރަށްރަށުގެ އިޤްތިޞާދު ތަރައްޤީކޮށް ކުރިއެރުވުމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއާ ދެމެދުގައެވެ.
ސިޓީތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ބޭންކިންގ ސިސްޓަމްގެ ތެރެއިން ކައުންސިލުތަކަށް ފައިނޭންސް ލިބޭނެ ގޮތް ފަހިކޮށްދިނުމާއި، އަތޮޅު ފިހާރަތަކުން ލިބޭ ކުލި ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލުތަކަށް ޖަމާކުރުމުގެ މައްސަލައާ ގުޅޭގޮތުންނެވެ.
މީގެއިތުރުން، ކައުންސިލުގެ ބްލޮކް ގްރާންޓުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބޭ 5 އިންސައްތައަކީ ހަމައެކަނި އެ ކޮމިޓީން ހިންގަން ބޭނުންވާ ޙަރަކާތްތަކަށް ޚާއްޞަކުރެވޭ އެއްޗަކަށް ހެދުމާއި، ކައުންސިލުތަކަށް ބްލޮކް ގްރާންޓް ދޭ އުސޫލަށް ހެޔޮ ބަދަލެއް ގެނައުމުގެ މައްސަލަވެސް މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.
ހެނދުނު ބޭއްވުނު މި ބައްދަލުވުމުގައި ސިޓީސް މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނުގެ އިތުރުން މިނިސްޓްރީގެ އެލްޖީ ޑިޕާޓްމަންޓްގެ އިސް ބޭފުޅުންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ލޯކަލް އޮތޯރިޓީ ކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ފައިނޭންސް ކުރާނެ ފަރާތްތައް ހޯދައިދިނުމުގެ ކަންކަން ތާވަލާ އެއްގޮތަށް ކާމިޔާބުކަމާއެކު ތަންފީޒުކުރުމާ ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

